ކްރިމިނަލް ކޯޓުގެ އިމާރާތަށް ބާވެ ފެންފޭބުމުގެ ސަބަބުން، އިމާރާތުގެ އެއްބައި ބޭނުން ނުކުރެވި ކުޑަ ޖާގައެއްގައި މަސައްކަތްކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޖާގައަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކްރިމިނަލް ކޯޓުގެ މުވައްޒަފުން ‘ވޯރކް ފްރޮމް ހޯމް’ ގޭގައި މަސައްކަތް ކުރަމުން އައިސްފައިވާ އިރު، އެކޯޓުގެ ނުނިމި ހުރި މައްސަލަތައް ފުނި ޖެހި ދުވަހަކަށް ފަހު ދުވަހެއް މައްސަލަތައް ވަނީ ގިނައެވެ.
މިފަދައިން މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށް ވުރެއް ގިނަ ދުވަހަށް ފަހު، ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންސް ހުޅުމާލޭގެ ސިވިލް ކޯޓުގެ ޑިވިޝަންގައި ގައި މަސައްކަތްކޮށް، ބައެއް ޝަރީޢަތްތައް ހުޅުމާލޭގައި ކުރިއަށް ގެންދެވޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ.
މާދަމާއިން ފެށިގެން ހުޅުމާލެ ސިވިލް ކޯޓުގެ ޑިވިޝަންގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކްރިމިނަލް ކޯޓަށް ޝަރީޢަތް ކުރުމަށް ލިބިފައިވަނީ ތިން މާލަމެކެވެ. މިއާއިއެކު، މާލޭ ކްރިމިނަލް ކޯޓުންވެސް ޝަރީޢަތް ކުރަން ތިން މާލަމެއް ހުސްވެ، ޝަރީޢަތްކުރުމަށް ޖުމްލަ ހަ މާލަމެއް ލިބިގެންދާނެކަމަށް އެކޯޓުން ވަނި މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވެއެވެ.
“މި ހަ މާލަން 11 ގާޒީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ކުރިޔަސް ގެންދިޔުމަށް ހަމަޖެޖިފައިވާ އިރު ދުވަސްވީ މައްސަލަތަކާއި ޝަރީއަތްތައް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އިސްކަން ދޭން ނިންމާފައިވޭ.” ކްރިމިނަލް ކޯޓާއި ހަވާލާ މިހާރު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން ޝަރީއަތް ކުރުމަށް ބޭނުންކޮށްފައިވަނީ އެންމެ މާލަމެކެވެ. ފަނޑިޔާރުންގެ މެދުގައި ތާވަލެއް ހަދައިގެން ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެކި ދުވަހު އެކި ފަނޑިޔާރުންނަށް މާލަމް ބޭނުންކިރެވޭނެ ފަދައިން ހަމަޖައްސައިގެންނެވެ. މިމުއްދަތުގެ ތެރޭގައި އެކޯޓުން 520 މައްސަލަ ނިންމާ ޙުކުމްކޮށްފައިވާއިރު، 2934 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމާ، 2193 ތަފާތު އެކި ކޯޓު އަމުރުތައް ނެރެފައިވާނޭ ކަމަށް އެކޯޓުން ބުނެފައިވެއެވެ.