ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ފޮތްތައް ފޮނުވައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެން ދެވަނަ ހަފްތާއަށް އެޅިފައިވާއިރު، ވަރަށް ގިނަ ދަރިވަރުންނަށް ކިއެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ނުލިބި ގިނަ ދުވަހެއް މަޑުކުރަން ޖެހިފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށްވެސް މިހާރު ވާނީ ޓެކްސްޓް ފޮތްތައް ފޮނުވައިދީފައި ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ސައީދު އާއި ހަވާލާދީ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުރިހާ ސްކޫލްތަކަކަށްވެސް ފޮތްތައް މިހާރު ފޮނުވާފައިވާނޭ ކަމަށާއި ހުރިހާ ސްކޫލްތަކަށްވެސް ފޮތް ހަމަވެފައިވާނޭ ކަމަށެވެ.
ސަން ނިއުޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް ސްކޫލްތަކުން ފޮތްބައި ހަމަނުވުމުގެ ކުރީ އަހަރު ކިއެވި ކުދިން އަތުން ފޮތް ނަގައިގެން ފޮތްތައް ހަމަ ކުރަން ޖެހުނެވެ. އެހެންނަމަވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ސްކޫލްތަކަށްވެސް ފޮތްތައް ހަމަކޮށްފައިވާނީ ބާ ފޮތްތައް ނުހިމެނޭ ގޮތަށެވެ.
މިނިސްޓްރީގެ ފަރާތުން މިފަދައިން ބުނެފައިވީ ނަމަވެސް ބައެއް ބެލެނިވެރިން ދަނީ އަދިވެސް ފޮތްތައް ހަމަނުވާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.
ފޮތްތައް ލިބުން ލަސްވުމާއިމެދު ގިނަ ފާޑުކިއުންތަކެއް މިނިސްޓްރީއަށް އަމާޒުވެފައިވާއިރު، މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފޮތްތައް ލިބުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި އޭގެފަހުން ބުނެފައިވާ ގޮތުގައި ފޮތްތައް ލިބުން ލަސްވީ ފޮތް ޕްރިންޓުކުރާ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް އޮތުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބަޔާންކޮށްފައިވާ ގޮތުގައި މިއަހަރު 96000 އަށް ވުރެއް ގިނަ ދަރިވަރުންނަށް އެކި ސްކޫލްތަކުގައި ކިޔަވައިދެވޭނެއެވެ.