މަޖިލިސް އިންތިޚާބާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހު 20 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން މާލޭ ސިޓީ ސަރަހައްދުން ޖުމްލަ 3 ގޮނޑި ހުސްވެފައިވެއެވެ. އެއީ އިންތިޚާބުގައި އެ ދާއިރާތަކުގެ މެމްބަރުން ވާދަ ކުރައްވައި، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރުކަމުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝުޖާއު ވަނީ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަޙްމަދު އައިފާން ވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ޟަމީރު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައެވެ.
މާލޭ ސިޓީ ކައުންސިލުގެ 3 ދާއިރާ ހިމެނޭހެން ޖުމްލަ 8 ބައި އިލެކްޝަން އަންނަ މަހު 20 ގައި ބާއްވަން ނިންމާފައިވާކަން އީސީން ވަނީ އިއްޔެ އިއުލާނު ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ބައި އިލެކްޝަން ބާއްވާ ސަރަހައްދުތަކުގެ ތެރޭގައި އަންނަނިވި ސަރަހައްދުތައް ހިމެނެއެވެ:
- ހދ. ކުޅުދުއްފުށި ކައުންސިލް އުތުރު ދާއިރާގެ މެމްބަރު ހޮވުމަށް ބޭއްވޭ ބައި އިލެކްޝަން
- ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރު ހޮވުމަށް ބޭއްވޭ ބައި އިލެކްޝަން
- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރު ހޮވުމަށް ބޭއްވޭ ބައި އިލެކްޝަން
- ޅ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވޭ ބައި އިލެކްޝަން
- ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވޭ ބައި އިލެކްޝަން
މި ބައި އިލެކްޝަންތަކުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށްކަމަށް އީސީން ހާމަކުރެއެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފު ކުރާ ފޯމް އެ ޑިޕާޓްމެންޓުން ސާފު ކުރަން ޖެހޭނެއެވެ.