އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އާންމު އިންތިޚާބުގެ ފަހު ބުރުގައި 350 ގޮނޑި ބީޖެޕީއާއި އެންޑީއޭ ކޯލިޝަނަށް ލިބޭނެކަމަށް އެކިއެކި ފަރާތްތަކުން ހަދަމުން ގެންދާ އެގްޒިޓް ޕޮލްތަކުން ދައްކައިފިއެވެ.
6 ހަފްތާއަށް ކުރިއަށްދިޔަ މި އިންތިޚާބު މިހާރު ވަނީ ނިމިފައެވެ. މި އިންތިޚާބަކީ އިލެކްޓްރޯނިކް ވޯޓިންގެ ޒަރީއާއިން ވޯޓުނެގުން ކުރިއަށް ދިޔަ އިންތިޚާބެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނެނީ ޖުމްލަ 543 ގޮނޑިކަން ފާހަގަކޮށްލެވެއެވެ. ބީޖެޕީއާއި އެންޑީއޭ ކޯލިޝަނާ ވާދަ ކުރި އިންޑިއާގެ 27 ޕާޓީއެއް ގުޅިގެން ހަދާފައިވާ ކޯލިޝަނަށް 120 އެއްހާ ގޮނޑި ލިބޭނެކަމަށް ވެސް އެ އަންދާސާތަކުން ދައްކައެވެ. މީގެ އިތުރުން 50 އެއްހާ ގޮނޑި ކުދި ޕާޓީތަކަށް ލިބޭ ކަމަށް ވެސް ދައްކައެވެ.
އިންޑިއާގެ އެންމެ ބޮޑު ސްޓޭޓްކަމަށްވާ އުއްތަރްޕްރަދޭޝްގެ 80 ގޮނޑީގެ ތެރެއިން 65 ގޮނޑި ބީޖޭޕީ ކޯލިޝަނުން ކާމިޔާބު ކުރާނެކަމަށް ބެލެވޭ އިރު ދެކުނު ބިތުގެ ސްޓޭޓްތައްކަމަށްވާ ޓެމިލްނާޑު އަދި ކެރަލާގެ މެޖޯރިޓީ ނަގާނީ އިންޑިއާ ކޯލިޝަންކަމަށް ވެސް އަންދާޒާ ކުރެވެއެވެ.
އިންޑިއާގެ ޗެނަލް 18 އާއި ރިޕަބްލިކް ޓީވީ އަދި އިންޑިއާ ނިއުސްގެ އިތުރުން އެންޑީޓީވީން ވެސް އެކްޒިޓް ޕޮލް ހެދިކަން ފާހަގަކުރެވެއެވެ. މި ނަތީޖާ މި ގޮތަށް އޮވެ އިންތިޚާބު ނިމިއްޖެ ނަމަ އިންޑިއާގެ ބޮޑުވަޒީރުކަން އަނެއްކާވެސް ލިބިވަޑައިގަންނަވާނީ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށެވެ. މި އިންތިޚާބު މޯދީއަށް ކާމިޔާބުވެވަޑައިގެންފި ނަމަ ދެން ފެށޭނީ އޭނާގެ 3 ވަނަ ދައުރެވެ.
މި އިންތިޚާބަކީ 970 މިލިއަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބުނު އިންތިޚާބެކެވެ.