އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން އަނިޔާވި ޒުވާނާ މިރޭ ނިޔާވެއްޖެ އެވެ.
ލ. ކައްދޫގައި މިއަދު ކުރިއަށް ގެންދިޔަ ޓްރެއިނިންއެއްގައި ނިޔާވީ އުނގޫފާރު، ނިއުލައިފް، ލާންސްކޯޕްރަލް މުހައްމަދު ޒައިދާން 23، އެވެ.
މިޔަރު ހަމަލާ ދިނުމުން ޒައިދާންގެ ހާލު ސީރިއަސްވުމުން އޭނާއަށް ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެވިފައެވެ.
އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޒައިދާން ނިޔާވެފައިވަނީ މިރޭ 8:40 ހާއިރު ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ލ. މާވަށު ކައިރީގައި މޫދުގެ ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ޒައިދާން ނިޔާވެފައިވަނީ މިރޭ 8:40 ހާއިރު ކަމަށެވެ.
މިޔަރުގެ ހަމަލާއިން ޒައިދާންގެ ފަލަ މަސްގަނޑުގެ ބޮޑު ބައި ޒަހަމްވެފައިވާ ކަމަށާއި އޭނާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހަކާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
“ލޭ ހުސްވެގެން ގެނައި ގޮތަށް ވެންޓިލޭޓަރުގައި އޮތީ. ވެންޓިލޭޓަރަށް ލީތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވީ. ފަލަމަސްގަނޑުގައި ވަރަށް ބޮޑަށް ދަތް އަޅާފައި އޮތީ،” އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
މިހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާ ސިފައިންގެއަށް ވެފައިވަނީ މީގެ އަހަރެއްހައި ދުވަސް ކުރިންނެވެ.