ފްރާންސް އަދި ޕެރިސް ސެއިންޓް ޖާމައިންގެ ފޯވާޑް ކިލިއަން އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑާ ގުޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މަޝްހޫރު ފުޓްބޯޅަ ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ އާދިއްތަ ދުވަހު ހާމަކުރިގޮތުގައި, އުމުރުން 25 އަހަރުގެ އެމްބާޕޭ މިހާރު ރެއާލް މެޑްރިޑާއެކު އެއްބަސްވުމުގައި ސޮއިކޮށް, ލަލީގާގެ ޓްރާންސްފާ ބާޒާރު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ފެށުމުން އޭނާ ސްޕެއިންއަށް ބަދަލުވާނެ އެވެ.
މެޑްރިޑުން އަންނަ ހަފްތާގައި އެއްބަސްވުން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވޭއިރު، ޔޫރޯ 2024 ގެ ކުރިން ރެއާލް މެޑްރިޑުގެ ދަނޑު ބާނަބާއުގައި އެމްބާޕޭ ދައްކާލާނެ ކަމަށްބެސް ބެލެވެއެވެ.
އޭނާ ވަނީ 2029 ވަނަ އަހަރާ ހަމައަށް ރެއާލްއާ އެކު އެއްބަސްވުމެއް ހަދަން އެއްބަސްވެ، ސީޒަނަކަށް 15 މިލިއަން ޔޫރޯ (12.8 މިލިއަން ޕައުންޑް) ލިބުމުގެ އިތުރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 150 މިލިއަން ޔޫރޯ (128 މިލިއަން ޕައުންޑް) ގެ ސޮއިކުރުމުގެ ބޯނަސްއެއް ލިބޭނެ ކަމަށް ވެސް ފެބްރީޒިއޯ ހާމަކޮށްފައިވެއެވެ.
2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ އަކީ 2017 ވަނަ އަހަރު ފުރަތަމަ ލޯނެއްގައި މޮނާކޯއިން ޕީއެސްޖީއާ ގުޅުނު ފަހުން 256 ގޯލް ޖަހައިގެން ޕީއެސްޖީގެ ރެކޯޑް ގޯލް ޖެހި ކުޅުންތެރިޔާ އެވެ.