ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކ އަތޮޅު މާފުށި ބްރާންޗުން ދޭ ޚިދުމަތްތައް ފުޅާކޮށްފިއެވެ.
ބީއެމްއެލުން އިއްޔެ ހާމަކުރި ގޮތުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ޑޮލަރު ޖަމާކޮށް ނެގުމާއި ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުމާއި ޗެކް ޑިޕޮސިޓް ކުރުމުގެ ޚިދުމަތާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ޚިދުމަތްތައް މިހާރު މާފުށި ބްރާންޗުން ލިބޭނެއެވެ.
މާފުށީ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވެސް ލިބޭނެކަމަށް އެ ބޭންކުން ހާމަކުރެއެވެ.
މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް މިހާރު މި ވަނީ ވެފައެވެ. އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ އެކު ބޭންކިން ޚިދުމަތައް އޮތް ޑިމާންޑް ވެސް އެ ރަށުގައި ވަނީ ބޮޑުވެފައެވެ. އެހެންކަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ބީއެމްއެލުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި ވިޔަފާރިތަކަށް އަދި އެ ރަށަށް ޒިޔާރަތް ކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ބީއެމްއެލަށް ލިބޭ އުފަލެއްކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު ބީއެމްއެލުން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގް ސެންޓަރ، 143 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިންގް ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ދުވަހަކަށް ވުރެ ދުވަހެއް ޚިދުމަތްތައް ފުޅާ ކުރަމުން އަންނަ ބީއެމްއެލުން ވަނީ އެ ބޭންކުގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ހިއްސާއަކަށް 50 ރުފިޔާ ބަހަން ވެސް ނިންމައިފައެވެ. މިއީ ބީއެމްއެލްގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އެންމެ ބޮޑު އަދަދެވެ. މީގެ އިތުރުން މިދިޔަ މަހު ބީއެމްއެލް އިސްލާމިކްއިން ވަނީ ޝަރުއީ ހަމަތަކަށް ފެތޭ ރާއްޖޭގެ ފުރަތަމަ ކްރެޑިޓް ކާޑު ވެސް ތައާރަފްކޮށްފައެވެ.