އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ފަރާތުން ރާއްޖޭގެ 34 ދަރިވަރަކަށް ސްކޮލާޝިޕްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުގައި ދިވެހި ދަރިވަރުންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީފަންތީގެ ޔުނިވަސިޓީތަކުން އަންޑަ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އާޓްސް، ސައިންސް، އިންޖިނިއަރިންގް، ބިޒްނަސް، ޓޫރިޒަމް އަދި އެހެން ދާއިރާތަކުން އިންޑިއާގެ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު މި ސްކޯލަރޝިޕްގެ ދަށުން ވަނީ ދީފައެވެ.
މީގެ އިތުރުން އިންޑިއާގެ ސަގާފަތުގެ ދާއިރާއިން ޢިލްމު އުނގެނުމުގެ ފުރުސަތަށް ބައިނަލައަގްވާމީ ގޮތުން 100 ސްކޮލާޝިޕް ސްލޮޓް ވެސް ވަނީ ހުޅުވާލާފައެވެ. އިންޑިއާގެ ސަގާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓާ، ޕާފޯމިންގް އާޓްސް، ސްކަލްޕްޗާ، އިންޑިއާގެ ބަސްތަކުގެ އިތުރުން އިންޑިއާގެ ކެއުމާ ގުޅޭގޮތުން ވެސް ކިޔެވުމުގެ ފުރުސަތު މި ސްކޯލަރޝިޕްގެ ދަށުން ލިބޭނެއެވެ.
މި ސްކޮލަޝިޕް ފުރުސަތުތަށް ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އަހަރުގެ ޒުވާނުންނަށެވެ. ޕީއެޗްޑީ ސްކޮލަޝިޕަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އައިސީސީއާރު ސްކޮލަޝިޕް ޕޯޓަލް މެދުވެރިކޮށެވެ. ސްކޯލާޝިޕަށް ލުމުގެ އެންމެ ފަހު ތާރީޚަކީ 15 ޖޫންކަމަށް މިހާރު ވަނީ މުރާޖާކޮށްފައެވެ. މި ސްކޮލަޝިޕްތަކާ ބެހޭ އިތުރު މައުލޫމާތު އިންޑިއަން ކަލްޗާ ސެންޓަރުގެ ނަމްބަރު 3306612 ނުވަތަ 3306614އަށް ގުޅުމުން ލިބޭނެ ކަމަށް އިންޑިއަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ޑރ. ތަންވީރް ވިދާޅުވިއެވެ.
ޘަޤާފީ ގޮތުން ގާތް ގުޅުމެއް އޮންނަ އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ކިޔަވަމުންނެވެ. ކިޔެވުމުގެ ޚަރަދުތައް ކުޑަވުމާއި، އިންޑިއާއާއި ރާއްޖޭގެ މާހައުލު އެއްގޮތް ވުމުގެ ސަބަބުން ގިނަ ދަރިވަރުންގެ މަންޒިލަކަށް އިންޑިއާ ވަނީ ވެފައެވެ.