އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ލ. ކައްދޫގައި މޫދު ޓްރެއިނިންގްއެއް ފުރިހަމަ ކުރަމުން ދަނިކޮށް މިޔަރު ހަމަލާއެއްގައި ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވާފިއެވެ.
މިއަދު އަސްރު ނަމާދަށްފަހު ޒައިދާންގެ އުފަން ރަށް ކަމުގައިވާ ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި ޒައިދާންގެ ޖަނާޒާ ބާއްވާފައިވާއިރު، މި ޖަނާޒާގައި އެމްއެންޑީއެފް މޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން ވަނީ ޒައިދާންގެ އާއިލާއާއި ބައްދަލު ކުރައްވާ ތައުޒިޔާ ދަންނަވާފައެވެ.
ރަސްމީ ޢިއްޒަތުގައި ޖަނާޒާ ބާއްވާފައިވާއިރު، ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ ޒައިދާންގެ އާއިލާ އާއި ހަވާލުކުރެވުނެވެ.
މިމަހު 2 ވަނަ ދުވަހު މޫދު ޓްރެއިނިންގް ތެރެއިން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ޒައިދާން ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައިވާއިރު، ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖަގައެވެ. ޒައިދާންގެ ޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ ޒައިދާންއަށް އަރުވާފައެވެ.