މާލިއްުޔަތު ކޮމިޓީގެ މުގައްރިރަކަށް ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި މިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމް އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގައި ދާއިމާ ކޮމިޓީތައް އެކުލަވާލަން ފަށައިފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން އެކޮމިޓީގެ މުގައްރިރަކަށް ގާސިމް އިބްރާޙިމް ހޮވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް މާލިއްޔަތު ކޮމިޓީގެ ނައިބް މުގައްރިރަކަށް ހޮވާފައިވާއިރު، ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު އަކީ މާލިއްޔަތު ކޮމިޓީގައި ހިމެނޭ އިތުރުން މެންބަރުންނެވެ.
މީގެ އިތުރުންވެސް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހްއާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއާއި، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވެސް މާލިއްޔަތުގެ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނެއެވެ.