ޖުޑީޝަލް ސާރވިޒް ކޮމިޝަން އަށް އައްޔަންކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް އައްޔަންކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޙުސައިން ރިޒާ ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި އައްޔަންކުރުމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ނަން ހުށަހަޅާފައިވާއިރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ވަނީ މަނަދޫ ދާއިރާގެ މެންބަރުގެ ހުށައެޅުމަށް ތާޢީދުކޮށްފައެވެ. ޙުސައިން ރިޒާ މިމަގާމަށް އައްޔަންކުރުމަށް މަނަދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ހުށަހެޅުމުގެ އިތުރުން، ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ނަމެއް ހުށަހަޅާފައިނުވެއެވެ.
ޙުސައިން ރިޒާ މިމަޤާމަށް އައްޔަންކުރުމަށް މިއަދު ފާސްކޮށްފައިވަނީ ވޯޓު ދެއްވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީ އެކުލަވާލެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ހިމެނޭ ގޮތަށެވެ. އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރެއް ޖޭއެސްސީގައި މިހާރު ތިއްބަވައެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެވެސް ރިޔާސީ ވައުދެކެވެ.