ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މާލެއިން ގުޅިފަޅަށް ބްރިޖް އަޅައި ނިންމާލެވޭނީ އަންނަ އަހަރުގެ މާރިޗު 31އަށްކަމަށް މާރާމާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
ކޮންސްޓަރކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މި މައުލޫމާތު ހިއްސާ ކުރެއްވީ އިއްޔެ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ އެކު ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރަތްކުރެއްވުމަށް ފަހު މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
މިއަދު މިނިސްޓަރު މުއްތަލިބް އާއި އިންޑިއާ ސަފީރު ބްރިޖް ސައިޓަށް ޒިޔާރަތް ކުރައްވައި ވަނީ މަސައްކަތް ހިނގަމުންދާ ގޮތާއި ނިމިފައި ހުރި މަރުހަލާތައް ބައްލަވާލައްވާފައެވެ. މި ޒިޔާރާތުގައި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއި މާރާމާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އިސްވެރިންނާއި ޓެކްނިކަލް ޓީމް އަދި ބައެއް މީޑިއާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގައި އެންމެ އިސްކޮށް މި މަޝްރޫޢުގެ މަސައްކަތްތަކާ ބެހޭ ފަހުގެ މައުލޫމާތު ދެއްވީ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓް އާއި ކޮންޓްރެކްޓާ އެފްކޮންސްގެ ރެޕްރެޒެންޓޭޓިވްއެކެވެ.
ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫޢެކެވެ. މީގެ ކުރިން މާރާމާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ހާމަ ކުރީ މިހާރު ކަނެކްޓިވިޓީ ބްރިޖުގެ 38.8 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތައް ޖެހުމުގެ 65 ޕަސެންޓު މަސައްކަތް ނިމިފައިވާކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. މީގެ އިތުރުން ޕައިލް ކެޕްގެ 48 ޕަސެންޓުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. ހަމައެހެންމެ ޑެކްގެ 31 ޕަސެންޓު ނިމިފައިވާކަމަށާއި ވިލިމާލޭގެ ސެގްމެންޓުތައް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާކަމަށް ވެސް އެ އިރު ވަނީ ހާމަކޮށްފައެވެ.
މި ޒިޔާރަތަށް ފަހު އިންޑިއާ ސަފީރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ބާރުމިނާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އިންޑިއާ ސަރުކާރާއި އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިޔަށް ގެންދެވޭކަން މިނިސްޓަރ މިއްތަލިބު ވަނީ ފާހަގަ ކުރައްވާފައިކަމަށެވެ. ހަމައެއާއެކު މި މަޝްރޫޢު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގުޅިފަޅުން ތިލަފުއްޓާ ހަމައަށް ކުރާ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢަށް 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ބްރިޖް ނިންމުމަށް މި އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި މަޝްރޫޢު ކުރިއަށްގެންދަނީ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދަން ވަނީ ނިންމާފައެވެ.