ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް އެއްބަސްވެވިދާނެ ކަމަށް ނަތަންޔާހޫއާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ބައިޑަންގެ ހުށަހެޅުއްވި ސުލްހައިގެ މަގު ޗާޓުގެ ފުރަތަމަ މަރުހަލާގައި އޮތީ 6 ހަފްތާއަށް ހަމަލާތައް ހުއްޓާލުމާއެކު ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށްލަން ޝަތުރު ކުރާ ހުށަހެޅުމެވެ. އަދި ޔަހޫދީ އިސްރާއީލްގެ އަސީރުންގެ ކޮންމެ މީހެއްގެ ބަދަލުގައި ޔަހޫދީން ހައްޔަރު ކޮށްފައިވާ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް މިނިވަން ކުރަން މި މަގު ޗާޓުގައި ވަނީ ހިމަނާފައެވެ.
އިސްރާއީލްގެ މީޑިއާތަކުން ހާމަކުރީ ނަތަންޔާހޫ ގަބޫލު ކުރާ ގޮތުގައި ސިޔާސީ ގޮތުން އޭނާގެ މަޤްބޫލުކަން އިސްރާއީލްގެ އާންމު ރައްޔިތުންގެ މެދުގައި ދަށްވަމުންދާތީ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިސްރާއީލްގެ އަސީރުން ވީހާ ވެސް އަވަހަށް އަނބުރާ އެ މީހުންގެ އާއިލާތައް ކައިރިއަށް ފޮނުވާލުމަށް ނަތަންޔާހޫ ބޭނުންވާކަމަށެވެ. އަދި އަމާޒަކީ ހަމާސް ނައްތާލައި ރަހީނުން މިނިވަން ކުރުން ކަމަށާއި އެކަމަށް ހަނގުރާމަ އާ ގުޅިގެން އެކުލަވާލި ހަނގުރާމައިގެ ކެބިނެޓުން އޮތީ މާ ކުރިން އެއްބަސްވެ ގޮތް ނިންމާފައި ކަމަށް ނަތަންޔާހޫ ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
އިސްރާއީލުގެ މިނިވަން މީޑިއާތަކުން މިހާރު އެ ގައުމުގެ އެކި ހިސާބުތަކުގައި ނަގަމުން އަންނަ ހިޔާލު ހޯދުމުގެ ސާވޭތަކުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެވޭކަމަށް އިސްރާއީލްގެ ސިޔާސީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.