ކަސްރަތުގެ ތެރެއިން ފެތުމަކީ ނުހަނު ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަން އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. އެކަމަކު އާދަކޮށް ފަތަން ދިޔުމަކީ ނުވަތަ ކަސްރަތެއްގެ ގޮތުގައި ޤަވާއިދުން ފެތުމަކީ އަހަރެމެންގެ ތެރެއިން މަދު ބަޔަކު ކުރާ ކަމެކެވެ. އެކަމަކު ފެތުމުގެ ފައިދާތައް ރަނަގަޅަށް އެނގިއްޖެނަމަ މިކަމަށް ގިނަ ބަޔަކު ޝައުގުވެރިވާނެކަން ޔަޤީނެވެ.
ފެތުމަކީ އޭގެ ޒާތުގައި ގައިގެ ގިނަ މަސްތަކެއް ބޭނުންކުރެވޭ ކަމެކެވެ. އޭގެ ފައިދާ އެކަމަކު ކުރަނީ ހަމައެކަނި މަސްތަކަކަށް ނޫނެވެ. އަހަރެމެންގެ ލޭ ދައުރުކުރުމަށް ބޭނުންކުރާ އާޓްރީތައް ފެތުމުގެ ސަބަބުން ހުޅުވި އެގައިވާ އިލާސްޓިކްކަން ދެމިގެންދެއެވެ. ހިތުގެ ގިނަ ބަލިތަކުން މީހާއަށް ދިމާވެދާނެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވަނީ އާޓްރީތަކަށް ދިމާވާ މައްސަލަތަކެވެ. އަދި މި ދެންނެވޭ ހޮޅިތަކަކީ ހަމައެކަނި ލޭ ދައުރުކުރުމުގެ އިތުރުން ހިތުގެ ޕަލްސޭޝަން ބަފަރކޮށް އެހަރަކާތާއި އެއްވަރަށް ފުޅާވެ މަސައްކަތްކުރަމުންދާ އެއްޗަކަށްވުމާއިއެކު، މި އާޓްރީތަކުގެ މިހަރަކާތްތައް ނުހިނގާނަމަ ލޭހޮޅިތައް ސްޓިފްވެ އޭގެ އަސަރު މީހާގެ ސިކުނޑިއަށާއި ކިޑްނީއަށް ކުރެއެވެ.
ފެތުމަކީ ދުވުމާއި ހިނގުމަށްވުރެ ނުވަތަ މިފަދަ އެހެން ކަސްރަތުތަކަށްވުރެ އަހަރެމެންގެ ކޮގްނިޓިވް ފަންކްޝަންތަކަށްވެސް މާފައިދާ ކުރާކަމެއް ކަމުގައި ބެލެވެއެވެ. ކޮގްނިޓިވް ފަންކްޝަންތަކަކީ އަހަރުމެންގެ ވިސްނުމުގެ ބޭނުންކުރާ ކަންތައްތަކެވެ. މިސާލަކަށް ދަސްކުރުމާއި، ހަނދާންކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، ސަމާލުކަން ދިނުން ފަދަ ކަންކަމެވެ. މިކަމާއި ގުޅޭގޮތުން ތަފާތު ގިނަ ދިރާސާތަކެއް ހެދިފައިވާއިރު ފާހަނގަ ކޮށްލެވޭ ކަމަކީ އެހެން ކަސްރަތުތަކާއި ޚިލާފަށް ފެނުގައި މީހާގެ ހަށިގަނޑާއި ސިކުނޑި އޮންނަ ޕޮޒިޝަންގެ ސަބަބުން ސިކުނޑީގައި ލޭދައުރުވާ މިންވަރު އިތުރުވެގެންދާކަމެވެ. މިއީ ސިކުނޑީގެ މަސައްކަތްތަށް ހަލުވިވެ ކަމެއް ދިމާވުމުން މީހާ އެކަމަކަށް ހަރަކާތްތެރިވާން ނަގާ ވަގުތު ނުވަތަ ރިއެކްޝަން ޓައިމް އަވަސްކޮށްދޭ ކަމެކެވެ.
ފެނުގައި ހަރަކާތްތެރިވެ އުޅުންވެސް ބެލެވިގެންދަނީ ކަސްރަތެއްގެ ގޮތުގައެވެ. އެއީ ފެންގަނޑުގައި ހުންނަ ރެސިސްޓެންސް ނުވަތަ އޮއިވަރުގެ ސަބަބުން ހަރަކާތް ކުރުމަށް އުނަދަގޫވާ އުނދަގޫވުމެވެ. އެހެންކަމުން ބިމުގައި ނުވަތަ ޓްރެޑްމިލްގައި ހިނގާލުމާއި އަޅާބަލާއިރު ކަކޫތާ ފެނުގައި ހިނގާލުމަކީ އޭގެ ފައިދާ މާބޮޑަށް ހަށިގަނޑަށް ލިއްބައިދޭނެކަމެކެވެ. މީގެއިތުރުން ހުޅުތަކަށް ޙާއްސަކޮށް ކަކުލުގެ އެކި އަނިޔާތައް ލިބިފައި ހުރުމުގެ ސަބަބުން ދުވުމާއި ހިނގުމުގައި ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ކަސްރަތު ލިބިގަތުމަށް ފެތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވެއެވެ.
ވީމާ ހިތާއި ސިކުނޑި އަދި މީހާގެ މުޅު ހަށިގަނޑަށް ކަސްރަތު ލިބިގަތުމަށް ފެތުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ޔުނިވަރސިޓީ އޮފް ޓެކްސަސްގެ ޕްރޮފެސަރ ޓަނާކާ ވިދާޅުވަނީ، ހަފްތާއަކި 3 ފަހަރު ފަތަން ދިއުމުން ފުދޭ ކަމަށެވެ. އަދި ފަހަރަކު 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ މިންވަރަކަށް ވަގުތު ހޭދަކުރުމަށް ނަސޭހަތްތެރިވަމުން ޕްރޮފެސްރ ވިދާޅުވަނީ މޫދުގައި ނުވަތަ ޕޯލްގައި ހޭދަކުރާ މިވަގުތުގައި ހަރަކާތްތެރިވުމަށް ސަމާލުކަން ދިނުމަށެވެ.