-Advertisement-

-Advertisement-

ޔޫރޯ 2024 އަށް ތައްޔާރުވުމަށް ބޭއްވި ރަހުމަތްތެރިކަމުގެ މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް

ޔޫރޯ 2024 އަށް ތައްޔާރުވުމަށް އިންގްލެންޑުން ކުޅޭ ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން ބޮސްނިޔާ އަތުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ އިނގިރޭސި ވިލާތުގެ އެސްޓީ ޖޭމްސް ޕާކުގައި ކުޅުނު މި މެޗް އިންގްލެންޑް ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީއްޖާ އަކުންނެވެ. މި މެޗުގައި އެޓީމަށް ގޯލުތައް ކާމިޔާބު ކޮށްދީފައިވަނީ ކޯލް ޕާމާ, ޓްރެންޓް އަދި ކެޕްޓަން ހެރީ ކޭންއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް, ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ކޯލް ޕާމާ ވަނީ ޕެނަލްޓީއަކުން ގޯލް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. ވަރަށް ގިނަ އާ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު އިންގްލެންޑް ޓީމަށް ދެވަނަ ހާފުގައި ގެނެވުނު ބަދަލުތަކާއެކު ކުޅުން ރަނގަޅުކޮށް އިތުރު 2 ގޯލް ކާމިޔާބުކުރިއެވެ.

އިންގްލެންޑް އިން ޔޫރޯ މުބާރާތަށް ތައްޔާރުވުމަށް ބާއްވާ ރަހުމަތްތެރިކަމުގެ ދެވަނަ މެޗް އޮންނާނީ ޖޫން މަހުގެ 7 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވަނީ އިނގިރޭސިންގެ ގައުމީ ދަނޑު ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޖަރުމަން ވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 މުބާރާތުގައި އިންގްލެންޑް އެންމެ ފުރަތަމަ ނުކުންނާނީ ޖޫން 16 ވަނަ ދުވަހުގެ ރޭ ސާބިއާ އާއި ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-