މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ޓީބީ އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ ދަޕްރެސްއިން ރިޕޯޓްކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ ދަޕްރެސްއިން ރިޕޯޓްކޮށްފިއިވާ ގޮތުގައި މަޖީދިއްޔާ ސްކޫލް ދަރިވަރު ޓީބީ އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭގެ ޕްރޮޓޮކޯލް ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މިކޭސް ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އެގްރޭޑްގެ އިތުރު ކުދިން ދަނީ ޓީބީ އަށް ޓެސްޓު ކުރަމުންނެވެ.
މިކަމާއި ގުޅިގެން އިތުރު އެއްވެއް މަޢުލޫމާތެއް މިނިސްޓްރީން އަދި އެޗްޕީއޭ އިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ކުރީ ސަރުކާރުން ވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޓީބީ ނައްތާލުމާއި ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް “ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް” އެއްގައި ސޮއިކޮށްފައެވެ. އަދި 2025 ވަނަ އަހަރާއި ހަމައަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ވެސް ވަނީ ބުނެފައެވެ.
“މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް” ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ މިބަލީގެ ސަބަބުން ފުއްޕާމެއަށް ބޮޑު އަސަރެއް ކުރެއެވެ. އަދި ހަށިގަނޑުގެ އެހެނިހެން ހިސާބުތަކަށް ވެސް އޭގެ އަސަރުކުރެ އެވެ. ޓީބީ އަކީ މައިގަނޑު ގޮތެއްގައި ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއްކަމަށްވާއިރު،
ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހިއަޅައި، ކުޅުޖެހުން ނުވަތަ ހުނުން ފަދަ ކަމެއް ކުރުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމްތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންވެސް މިބަލި ޖެހެއެވެ.