ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަށް ނުބަލާ ގޮތަށް ކަނޑައަޅާ ބިމާއިބެހޭ ގަނޫނަށް އިސްލާހު ގެނައުމަށް އާބިލެއް ހުށައަޅާނެ ކަމަށް ޕީއެންސީ އިން މިއަދު ބުނެފިއެވެ.
މިއަދު އެޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވީ ބަންޑާރަ ގޯތި ދޭންޖެހޭނީ ދާއިމީ އެޑްރެހަށް ނުބަލާ ކަމަށެވެ.
“އަޅުގަނޑުމެންނަށް މިހާރު ފެނިގެން ދަނީ މާލެއިން ގޯއްޗަށް އެޕްލައިކުރެވިގެން މިދަނީ މާލެ ރައްޔިތުންނަށް. ތުރާކުނުން ތުރާކުނު ރައްޔިތުންނަށް އިސްކަންދޭން އެބަ ޖެހޭ. އެ ރަށަކުން އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަން ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް. އެއީ ވަކި އެ މީހަކު ނިސްބަތްވާ ރަށަކުން އިސްކަންދެވިގެން ނުވާނެ،” ހުސްނީ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގެ އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބިމާއި ބެހޭ އައު ބިލެއް ހުށަހެޅި ފާސްވެގެންދާނީ ބަންޑާރަ ގޯތި ދިނުމުގައި ދާއިމީ އެޑްރެހަށް ނުބަލާގޮތަށް ކަނޑައެޅިގެން ކަމަށެވެ.
ހަމައެއާއެކު، ހަމައެކަނި މާލެ ތޮއްޖެއްސުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކީ އާރބަން ސެންޓަރުތަކެއް ގާއިމުކުރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަވާރަވަނަ މަޖިލީހުގައި މެންބަރު މީކާއީލް ހުށަހެޅުއްވި އެ ބިލު ފާސްކުރުމުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީޤު ނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.