އެއްކޮޅުން އޭނާގެ ފުރަތަމަ ލޯބި ވެރިޔާގެ އާދޭސްތަކެވެ. އެނެއްކޮޅުން އޭނާގެ މާޔޫސީ ހަޔާތައް ދިރުން ގެނަސްދިން ވަފާތެރިޔާއެވެ. ސިމާމު ދީނާއަށް ވަރަށްހެވެ. އޯގާތެރިއެވެ. އަދި އޭނާ ވަނީ ދީނާގެ މައިންބަފައިންގެ ރުހުންވެސް ހޯދާފައެވެ.
ދެން ހުރީ ސުނޭ އެވެ. އެއީ އޭނާ ގެ ފުރަތަމަ ލޯތްބެވެ. ސުނޭ އެވަނީ އަނެއްކާވެސް ހަޔާތައް އައުމަށް ފައި ނަގާފައެވެ. ސުނޭގެ އާދޭސްތަކުގެ ސަބަބުން ސިމާމު ކައިރީ ދީނާ ވެފައިވާ ވަޢުދުތަކާއި އަހުދުތައް ހަދާންނެތުނު ކަހަލައެވެ. ދީނާއަށް މަޑުމަޑުން ގޮސް ސުނޭގެ ތަނަވަސް މޭގައި ބޯއަޅާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ސުނޭ ގެ ދެއަތުން ދީނާ ވަށައި ލިއެވެ. އަދި މަޑުމަޑުން ދީނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
ފުރަތަމަ ލޯތްބާއި ދިމާއަށް ދީނާ އެނބުރުނީ ކޮންފަދަ ޖާދުވީ ބާރަކުންކަމެއް ޚުދު ދީނާއަކަށްވެސް ނޭންގުނެވެ. މާލޭގައިވީ އޭނާގެ މިހާރުގެ ލޯބިވެރިޔާއަށް މިޚަބަރު ލިބުމުގެ ސަބަބުން ވެދާނެ ގޮތަކާމެދު އޭނާއަށް ޚިޔާލެއް ނުކުރެވުނެވެ. ސިމާމުފަދަ އޯގާތެރި ތެދުވެރިއެއް ދެކެ ވީލޯބި ކެހިވެރި ލޯތްބަކަށް ބަދަލުވެގެން ހިގައްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައެވެ.
“ސުނޭ އަހަރެންވެސް.. ސުނޭ ބޭނުން. މިވީ ދުވަސްތަކުގައި އަހަންނަކަށްވެސް ސުނޭގެ މަތިން ހަނދާން ނައްތައެއް ނުލެވުނު،” އެގޮތަށް ސުނޭގެ މޭގައި ބޯއަޅާލައިގެން އޮވެ ދީނާ ވާހަކަ ދެއްކިއެވެ.
“ހަމަ ތެދެއްތަ؟..ދެން އަބަދުވެސް ދީނާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައި. އަހަންނަކީ ކެހިވެރި ލޯބިވެރިޔެކޭ ބުނެވޭނެ ދުވަހެއް ދެން ނުފަންނާނެ،” ސުނޭ ލިބުނު ކާމިޔާބީއަށް ޓަކައި ހިނިތުން ވެލިއެވެ.
“ދެން ދަނީއްޔޭ..ނަދުވާމެން ގެއަށޭ ކިޔާފައި މިނިކުތީވެސް.. މިހާރު މާ ލަސްވެއްޖެ،” ދީނާ ގެއާއި ދިމާއަށް ހިނގައި ގަތެވެ. މާ ގިނަ އިރު ވުމުން ނަދުވާމެން ގެއަށް ދިއުމުގެ ޚިޔާލު ބަދަލުވުމާ ވެސް އެކުގައެވެ.
ލިބުނު ކާމިޔާބީގެ ސަބަބުން ސުނޭނުގެ ތުންފަތަށް ލުއި ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ވިމާލު އައިސް ސުނޭއާއި އަތްޖަހާލައި ކާމިޔާބީގެ އުފާ ފާޅުކުރިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ..ކަލޭ އަހަންނަށް ދެވަނަ ދިރުމެއް ގެނެސް ދީފި،” ހިނިތުންވެ ހުރި ސުނޭ ވާހަކަ ދެއްކިއެވެ.
“ތިހެން ނުބުނޭ ސުނޭ. މީއަހަރެން ކުރަންޖެހޭ ކަމެއް ..އަހަރެންގެ ސަބަބުން..،”
“ތިޔަ ވާހަކަ ދެން ނުދައްކާ ..ހިނގާ ކޮފީއަކަށް ދަމާ؟” ވިމާލުގެ ވާހަކަ މެދުކަނޑާލުމަށްފަހު ސުނޭ ބުންޏެވެ.
ސިމާމު މާލެ ދިޔަތާ ދެތިން ދުވަސް ވީއިރުވެސް ދީނާގެ ޚަބަރެއް ނުވުމުން ވެގެން އުޅޭގޮތެއް ބެލުމަށް ނަދުވާ ނިންމީ ދީނާގެ ގެއަށް ދިއުމަށެވެ. އެހެންކަމުން ހަވީރުގެ ފިނި ޖެހިލި އިރު ނަދުވާ ހުރީ ދީނާމެން ގޭ ގައެވެ.
“ދައްތާ …ކޮބައިތަ ދީނާ؟ ސިމާމު ދިޔަ ފަހުން ނުވެސް ފެނޭ؟” ދީނާގެ މަންމަ ފެނުމުން ނަދުވާ އަހައިލިއެވެ.
“އިހަކަށް ދުވަހު ނަދުވާމެން ގެއަށޭ ކިޔާފައި މިގެއިން ދިޔައީ ..ނުދޭތަ؟” ކުޑަކޮށް ހައިރާންވެފައި ދިޔާނާ އެހިއެވެ.
“ހޫނ..ނާދެޔޭ…މިދެދުވަސް ވަރަށް ބުރަކޮށް މިއުޅުނީ. އެހެންވެ މިގެއާއި ހަމައަށްވެސް ނާދެވުނީ،”
“އެހެންތަ … ދޭބަލަ އޮއްނާނެ ކޮޓަރީގައި،”
ނަދުވާ ކޮޓަރިއަށް ވަތް އިރު އުއްޑުން އޮށޯވެލައިގެން ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ދީނާ އޮތެވެ. އެނބުރެމުންދާ ފަންކާއަށް ނަޒަރު ހިންގާލައިގެން އޮތް އިރު ދީނާގެ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް ބުރުޖަހަމުން ދިޔައެވެ. އޭނާއަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން ގޮތެއް ނިންމުމަށް އުނދަގޫ ވަމުންދާކަހަލައެވެ. ދީނާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރުތަކުން ކަމަކާ މާބޮޑަށް ފިކުރު ކުރާކަން ދެނެގަންނާކަށް ނަދުވާއަކަށް އުނދަގުލެއް ނުވިއެވެ. އިރުކޮޅަކު ދީނާއަށް ބަލަން ހުރެފައި ނަދުވާ ކަރު ކެހިލަމުން ދޮރުފަތް ލެއްޕިއެވެ. ދޮރުފަތް ލެއްޕުނު އަޑާއި މީހަކު ކަރުކެހިލި އަޑަށް ދީނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް ދީނާ ބަލައި ލިއެވެ. ނަދުވާ ފެނުމުން ވަރަށް މަސައްކަތުން ދީނާ ހިނިތުންވެލިއެވެ. ނަދުވާ ގޮސް ދީނާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
“ދީނާ މަންމަ ބުނި ކުރީ ދުވަހު އަހަރެމެން ގެއަށޭ ކިޔާފައި ދީނާ ދިޔަ ވާހަކަ …އަހަރެމެން ގެއަކަށް ނާންނަމެއްނު؟… އަނެއްކާ ކޮންތާކަށް އެ ދިޔައީ؟”
“އަހަރެން…އަހަރެން ތަނަކަށް ނުދަން…ތިގެއަށް ދާން ދަނިކޮށް މޫޑް ގޯސްވެގެން އަނބުރާލާފައި ގެއަށް އައީ،” ދީނާ ދޮގު ހެދިއެވެ. އަދި ސުނޭގެ ވާހަކަ އެހާ އަވަހަށް ނަދުވާ ކައިރީގައިވެސް ބުނަން ބޭނުން ނުވާތީއެވެ. ނަދުވާގެ ވިސްނުން ހުންނާނެ ގޮތް ދީނާ އަށް އެނގެއެވެ. ނަދުވާ އަށް ވެގެން ވީއްޔާ ދީނާ ދެން ސުނޭއާއި ގުޅުނަކަ ނުދޭނެއެވެ.
“އެހެންތަ؟ ސިމާމު ޚިޔާލުތައް ހިތަށް އުނދަގޫ ކުރަނީ ދޯ؟” ނަދުވާ ދިމާކޮށްލިއެވެ.
“ނޫނޭ ..ދެން ހަމަ މޫޑް ގޫސްވީ އެވަގުތު އެހެންވެ ގެއަށް އައީ،” އެދުވަހު ކަން ހިނގައި ދިޔަގޮތް ނަދުވާއަށް ކިޔައިދޭކަށް ދީނާ ބޭނުމެއް ނުވިއެވެ.
“އެހެން ދެން އޯކޭ …ކީއްވެ މާބޮޑު ޚިޔާލަކަށް ގެއްލިފައި؟” ނަދުވާ އޮޅުން ފުލުވަން ބޭނުންވިއެވެ.
“ކޮން ޚިޔާލަކަށް؟ …އަހަރެން އެއްވެސް ޚިޔާލެއް ނުކުރަން ދެން ހަމަ އޮތީ ވައިވެފައި،”
“އަހަންނަށް އެނގެޔޭ …ސިމާމުގެ ޚިޔާލުގައެއްނު އަބަދު ތި އޮއްނަނީ …މިހާރު ރަގަނޅަށް އޭނާ މާލޭގެ ފެނަށް ހޭނެން ފަށައިފާނެ…މިބުނީ ދީނާ މަތިން ހަނދާން ނައްތާލައި އެހެން މީހެއް ހޯދަފާނެ،” ނަދުވާ ކުރީ ސަމާސާ އެވެ.
“ހޫނ..މަށަށް ރަގަނޅީވެސް ތިގޮތް. އަހަރެންގެ ހިތުގައި މިހާރު ވަނީ ސުނޭ ގެ ނަން ބިންވަޅު ނެގިފައި” ކިތައްމެ ނުބުނަން އުޅުނަސް އެންމެ ފަހުން ނަދުވާ ދެއްކި ވާހަކައަކުން ދީނާއަށް ވެގެން އުޅޭގޮތް ތިލަ ކޮށްލެވުނެވެ.
“އަހަރެން އެހެން ބުނީ ސަމާސާ އަކަށޭ…ސިމާމަކީ އެކަހަލަ މީހެއް ނޫނެއްނު؟” ދީނާ ވާހަކަ ދެއްކި ގޮތުން ނަދުވާ ހުރީ ދެރަވެފައެވެ. ހިތްހަމަ ނުޖެހިފައެވެ.
-ނުނިމޭ-