އާންމު އިންތިޚާބަށްފަހު އައު ސަރުކާރު އެކުލަވާލުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފިއެވެ.
އައު ސަރުކާރު އެކުލަވާލުމަށް ޕާޓީތަކާއި މަޝްވަރާކުރުމަށް މޯދީ ނިންމެވީ މޯދީ ނިސްބަތްވާ ޕާޓީ ކަމުގައިވާ ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް އަޣްލަބިއްޔަތު ގެއްލުމުންނެވެ.
އަންގާރަ ދުވަހު އިއުލާންކުރި ނަތީޖާތަކުން ދައްކާގޮތުގައި ބީޖޭޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 240 ގޮނޑިއެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ސާފު އަޣުލަބިއްޔަތު ހޯދަން ބޭނުންވާކަމުގައިވާނަމަ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ބީޖޭޕީ އަށް ބޭނުންވާނެއެވެ. ބީޖޭޕީ އަށް ތިރިގޭގެ އަޣުލަބިއްޔަތު ލިބިފައި ނުވާއިރު، ސަރުކާރެއް އެކުލަވާލުމަށް ބީޖޭޕީއަށް 32 ގޮނޑި މަދުވެއެވެ. މިއާއިއެކު، މޯދީ ޖެހޭނީ އިއްތިހާދު ޕާޓީތަކަށެވެ.
ބީޖޭޕީ އިސްކޮށް އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް 293 ގޮނޑިއާއެކު، އަޣުލަބިއްޔަތު ވަނީ ލިބިފައިވާއިރު މޯދީގެ އިއްތިހާދަށް އެހާ ހަނި އަޣުލަބިއްޔަތެއް ލިބުމަކީ ސަރުކާރުގެ އިސްލާހީ އެޖެންޑާއަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ރޭޓިން އެޖެންސީ ފިޗުން ބުނެފައިވެއެވެ.
ބީޖޭޕީ އިސްކޮށް އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށް އިންތިހާބުގައި އަޣުލަބިއްޔަތު ލިބި އިންތިހާބުގައި ކުރި ހޯދައިފައިވީ ނަމަވެސް މިއީ އުއްމީދު ކުރި ނަތީޖާއަށް ވުރެއް ދަށް ނަތީޖާއެކެވެ. އެގޮތުން ބީޖޭޕީން އެކަނި 370 ގޮނޑި އަދި އެންޑީއޭގެ ޖުމްލަ ގޮނޑި400 ހޯދަން ސަރުކާރުން އަމާޒުކޮށްފައިވާއިރު، (އެންޑީއޭ)އަށް ލިބުނީ 293 ގޮނޑިއެވެ.
ވަރަނާސީން މޯދީއަށް ކާމިޔާބު ލިބުނު ކަމުގައިވީ ނަމަވެސް މިއީ 2019 ވަނަ އަހަރު ލިބުނު ނަތީޖާއާ އަޅައިބަލާއިރު މޯދީއަށް ލިބުނީ ދަށް ނަތީޖާއެކެވެ. އަދި ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮންނަ އިންޑިއާ އިއްތިހާދަށް ވަނީ އުއްމީދު ކުރި ވަރަށްވުރެއް އިތުރަށް 230 ގޮނޑި ލިބިފައެވެ.