އިންޑިއާގެ ގޯއެއާ ކުންފުނިން އެއްމަސް ދުވަސް ތެރޭގައި މީރާއަށް 3.6 މިލައަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މީރާއިން ގޯއެއާ ގެ މައްޗަށް ދައުވާކޮށްފައިވަނީ ވަނީ ގޯއެއާގެ މައްޗަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 3،580،588 (ތިން މިލިއަން ފަސް ލައްކަ އަށްޑިހަ ހާސް ފައްސަތޭކަ އަށްޑިހަ އަށް) އެމެރިކާ ޑޮލަރު ހޯދުމަށެވެ.
މިރާއިން ކޮށްފައިވާ ދައުވާގައި ގޯއެއާއަކީ 2022 ވަނަ އަހަރުން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސްއާއި، އޮކްޓޯބަރު 28، 2018 އިން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވަލޮޕްމަންޓް ފީ ދައުލަތަށް ދައްކަންޖެހޭ ފަރާތެއްކަމަށް ބުނެފައިވެއެވެ.
މިމަހުގެ ތިންވަނަ ދުވަހު ކޮށްފައިވާ ޙުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި މީރާއިން ކޮށްފައިވާ ދައުވާގައިވާ ފައިސާ އަކީ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާ ކަމަށާއި މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސްތެރޭ އެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓަށް ދައްކަންވާނޭ ކަމަށެވެ.
ޑިޕާޗާ ޓެކްސްގެ ގޮތުގައި:
- އިކޮނޮމީ ކްލާސްގެ ކޮންމެ ބިދޭސީ ފަސިންޖަރަކަށް 30 ޑޮލަރު، ދިވެހި ފަސިންޖަރަކަށް 12 ޑޮލަރު
- ބިޒްނަސް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 60 ޑޮލަރު
- ފަސްޓް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 90 ޑޮލަރު
- ޕްރައިވެޓް ޖެޓްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 120 ޑޮލަރު
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި:
- އިކޮނޮމީ ކްލާސްގެ ކޮންމެ ބިދޭސީ ފަސިންޖަރަކަށް 25 ޑޮލަރު، ދިވެހި ފަސިންޖަރަކަށް 12 ޑޮލަރު
- ބިޒްނަސް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 60 ޑޮލަރު
- ފަސްޓް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 90 ޑޮލަރު
- ޕްރައިވެޓް ޖެޓްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 120 ޑޮލަރު
މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް ގޯއެއާއަށް ރައްދުކުރުމުން ދައުވާގެ ދިފާއެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި އެއްވެސް ދިފާއެއް ހުށަހެޅިފައިނުވާތީވެ އަދި ކުންފުނިން ކޯޓަށް ހާޒިރުވެފައި ނުވާތީވެ ސިވިލް ކޯޓުން މިމައްސަލައިގައި ގޯއެއާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އެކުންފުނީގެ ޣައިރު ހާޒިރުގައެވެ.