ސްކޭމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ސްކޭމްގެ މައްސަލަތަކަށް ޚާއްސަކޮށްގެން ސެންޓަރެއް ގާއިމްކުރެވުމާއިއެކު، ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައިވެސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުންކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވީ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު އަމަލުކުރަމުންދާ ކޮންސެޕްޓް ކަމަށެވެ.
މީގެ އިތުރުން މި ސެންޓަރު ގާއިމްކުރެވުމާއިއެކު، ވިކްޓިމައިޒްވެފަ ހުންނަ މީހަކު އިތުރަށް ވިކްޓިމައިޒް ނުވާން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ކުރާނެކަމަށް ޝިފާން ވިދާޅުވިއެވެ.
ސްކޭމް ސެންޓަރު ގާއިމްކުރުމާއި މެދު މައުލޫމާތު ދެއްވަމުން ޝިފާން އިތުރަށް ވިދާޅުވީ ސްކޭމްތަކުގެ މައްސަލައިގައި މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަމަށެވެ.
ފުލުހުންގެ ޙިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހާސިލްވެގެންދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- މަސްތުވާތަކެއްޗާއި ގޭންގް ވައިލެންސްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާއި ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ޤާއިމްކުރުން.
- ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކާ އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުން.
- ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުން.
- މުސްތަޤްބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ޤާއިމުކުރުން.
- އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުން.
- ޕޮލިސް ބޭސިކް ސްކިލްސް ތަރައްޤީކުރުމާއި އަދި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުން.
- ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒްކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯރކް ބޭނުންކުރުން.