ތިންވަނަ ދައުރަކަށް އިންޑިޔާގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާގެ ނިއުދިއްލިއަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މޯދީ ވަނީ ސިޓީފުޅަކުން ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ދަޢުވަތު އަރުވައިފައެވެ.
އިންޑިއާގެ އިންދްރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ރައީސް ވަޑައިގެންނެވުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވާ ކުރެއްވުމުގެ ރަސްމިޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅާކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަ ވެގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމުގައި ސަރުކާރުން ބުނެއެވެ.