ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ސަދާ ސައުދުﷲ އެހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް އާއިލާއިން ކުރި ދައުވާގައި ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް ސިވިލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ކުއްޖާގެ އާއިލާއިން މިމައްސަލައިގައި ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން ސަދާ މަރުވި ކަމަށެވެ.
މިއަދު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ވަނީ ސަދާގެ މައްސަލާގައި ފުވައްމުލަކު ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ދައުލަތުން އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ މިންވަރާއި މެދު ކޯޓުން ބޭރުގައި މަޝްވަރާކުރުމަށް ދައުވާކުރާ ފަރާތުން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި މީގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ ވެރިންނާއި މަޝްވަރާކުރުމަށްފަހު ގިތެއް ނިންމަން ފުރުސަތެއް ދިނުމަށެވެ.
ދައުލަތުގެ އެދުމަށް ސިވިލް ކޯޓުން ދެދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިމައްސަލަ ބެލުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ނިންމާފައިވަނީ ސަދާގެ މަރުގައި ފުވައްމުލަކު ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށާއި ދައުލަތާއި ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެ ކަމަށެވެ.