މާލެ ފުޑް ކޯޓް ކައިރީ ރިންގް ރޯޑްގައި ހުރި މަގުބައްތިތަކުގެ ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.
ފުޑްކޯޓް ކައިރީގައި އިއްޒުއްދީން މަގުގެ ލައިޓްތަކުގެ ކޭބަލްތައް ވަގަށް ނަގައިފައިވާކަމށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރޭގައި ކަމަށާއި އެ ލައިޓްތަކަށް އަލުން ކޭބަލް ގުޅައި ދިއްލުމުގެ މަސައްކަތް މިހާރު އެކައުންސިލުން އަންނަނީ ކުރަމުންނެވެ.
ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ފޯޓޯތަކުގެ އަލީގައި ކޭބަލްތައް ވަގަށް ނަގާފައިވަނީ އިއްޒުއްދީން މަގުގައި ޓިނު ޖަހައިގެން ބަންދުކޮށްފައި ހުންނަ ސަރަހައްދުގެ ޕޭވްމަންޓް ކޮނެގެން ކަމަށް ބެލެވެއެވެ.
ރޭ ފުޑް ކޯޓް ކައިރީ މަގުބައްތިތަކުން ކޭބަލްތަކެއް ވަގަށް ނަގައިފައިވާއިރު، އަމީނީ މަގުގައި ހުންނަ ސިނަމާލޭ ތިނެއްގެ ފްލެޓްތަކުގެ ފެން މޯޓާރުގެ ކޭބަލްތައްވެސް ވަނީ ރޭ ވަގަށް ނަގައިފައެވެ. ސިޓީ ކައުންސިކުން ބުނެފައިވާ ގޮތުގައި ފެން މޯޓަރުތަކުގެ ކޭބަލްތައް ވަގަށް ނެގުމުގެ ސަބަބުން އެތަނުގެ ދިރިއުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތިވިއެވެ. އެހެންނަމަވެސް މިހާރު އެމައްސަލަ ހައްލު ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
“މިފަދަ ކަންތައް ކުރާ ފަރާތަށް ހޯދާ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ،” ސިޓީ ކައުންސިލުން ބުންޏެވެ.
ވައްކަމުގެ މައްސަލަތައް ދުވަހަކަށް ފަހު ދުވަހެއް މިފަދައިން އިތުރުވަމުންދާއިރު، ވައްކަމުގެ ކުށާއިމެދު ކަމާބެހޭ އިދާރާތަކުން ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. ގާނޫނުތަކުގައި ވައްކަމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބަކީ ކުށާއި އެކަށީގެންވާ އަދަބެއްތޯ ބަލަން ޖެހެއެވެ.