-Advertisement-

-Advertisement-

އިންޑިއާގެ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރަކަށް މޯދީ ހުވާ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 3 ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް 3 ވަނަ ފަހަރަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ މަޤާމުގެ ހުވާކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މި ޚާއްޞަ ހަލްފާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތަށް ނިއުދިއްލީއަށް ވަޑައިގެންނެވީ މޯދީގެ ޚާއްޞަ ދައުވަތަކަށެވެ. ނިއުދިއްލީން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ބަންގުލަދޭޝާއި ނޭޕާލް އަދި ސްރީލަންކާގެ އެންމެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަސްމިއްޔާތު ކުރިއަށްދިއަ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 2500އަށް ވުރެ ގިނަ ފުލުހުން ހަރަކާތެރިވެފައިވާ އިރު، ހަފްލާ ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގެ މަތިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ޖޫން 1 ވަނަ ދުވަހު ނިމުނު އިންޑިއާގެ ޢާންމު އިންތިޚާބުގައި މޯދީގެ ބާރަތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)އަށް އަޣުލަބިއްޔަތު ކާމިޔާބު ކުރެވިފައި ނެތް ނަމަވެސް އެ ޕާޓީގެ ގުޅިފައިވާ ކޯލިޝަން ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ން ވަނީ އިންތިޚާބުގައި ކުރި ހޯދާފައެވެ. މޯދީގެ ޕާޓީ ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން، އެންޑީއޭއަށް އިންތިހާބުގައި 293 ގޮނޑި ލިބުނެވެ. އިންޑިއާގެ އިދިކޮޅު ޕާޓީތަކުން 234 ގޮނޑި ކާމިޔާބުކުރިއެވެ.

އުމުރުން 73 އަހަރުގެ މޯދީއަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ދައުރަށް ފަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް 3 ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ވެރިޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-