-Advertisement-

-Advertisement-

ޖަރުމަނުގައި ހުރި ސަބްވޭތައް ބަންކަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ބަދަލުގެންނަނީ

ޖަރުމަނުގެ ދާހިލީ ވަޒީރު ނޭންސީ ފައޭސާ

ޖަރުމަނުގައި ހުރި ސަބްވޭތައް ބަންކަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ބަދަލުގެންނަން އެ ގައުމުގެ ސަރުކާރުން ސިޔާސަތެއް އެކުލަވާލައިފިއެވެ.

67 ސޮފްހާގެ އާ ސިޔާސަތު އާންމު ކުރައްވައި ޖަރުމަނުގެ ދާހިލީ ވަޒީރު ނޭންސީ ފައޭސާ ވިދާޅުވީ ރަޝިއާގެ ނުރައްކަލާ ކުރިމަތިލުމަށްޓަކައި ޖަރުމަނު ވަރުގަދަ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ދިގުމުއްދަތަކަށް ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދެވޭނެ ގޮތަށް ހޮސްޕިޓަލްތައް ބަދަލު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފަދަ ހާލަތެއްގައި ޖަރުމަނުގެ ކޮންމެ ރައްޔިތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށް ނުދެވިދާނެކަމަށާއި، އެހެންކަމުން ފަރުދީ ގޮތުން ތައްޔާރުވެ އަމިއްލައަށް ސަލާމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އަވަށްޓެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

މި އާ އުސޫލާ ގުޅިގެން ޖަރުމަނުގެ ޑިފެނެސް މިނިސްޓަރު ޕިސްޓޯރިއަސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ “2029 އަންނަ އިރު ހަނގުރާމައަށް ތައްޔާރުވެފައި ތިބެން ޖެހޭނެ” ކަމަށެވެ. މި އުސޫލުގެ ދަށުން އަވަސް އަދި ކުއްލި މައުލޫމާތު ފޯރުކޮށްދިނުން ދައުލަތުގެ މީޑިއާ ‘ޑަޗް ވެލޭ” ގެ މައްޗަށް ސަރުކާރުން ލާޒިމުކޮށްފައިވެއެވެ.

އުމުރުން 18 އަހަރުން މަތީގެ ކުޅެދޭ އެންމެން ވަޒީފާއެއް އަދާކުރުން މަޖުބޫރު ކުރުވުމާއި އެ ގައުމުގެ އަސްކަރީ ހިދުމަތުގައި ބައިވެރިވުން އެންމެނަށް މަޖުބޫރު ކުރުވުމަށް އެ ސިޔާސަތުގައި ހިމަނާފައިވެއެވެ. އެގޮތުން އުމުރުން 18 ވެއްޖެ ނަމަ ކޮންމެވެސް 1 ވަޒީފާއެއް އަދާކުރަން ޖެހޭނެކަމަށާއި ވަޒީފާއިން ކެނޑުމަކީ އޮތް ފުރުޞަތެއް ނޫންކަމުގައި ކަނޑައެޅުމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުންނާއި ނަރުހުންނާއި ޖަނަވާރާއި ދޫނިސޫފާސޫފީގެ ޑޮކްޓަރުން އަސްކަރީ އަދި ސިވިލް މަސައްކަތަށް ބޭނުން ކުރެވިދާނެކަމަށް ވެސް ބުނެފައިވެއެވެ.

ތެލާއި ޕެޓްރޯލް ފަދަ ތަކެތި ތަދުވާ ދުވަސްވަރެއްގައި ކޫޕަނަކަށް ނޫނީ އެ ތަކެތި ދޫނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުގެނައުމަށް އެ ސިޔާސަތުން ބަޔާން ކުރެއެވެ. ހަމައެހެންމެ ކާބޯތަކެތި ތަދުވާ ހާލަތެއްގައި ބޮލަކަށް ދުވާލެއްގެ މައްޗަށް ‘ވަން ހޮޓް މީލް’ ފޯރުކޮށްދިނުން ކަށަވަރު ކުރުމަށް ސަރުކާރުން ކާބޯތަކެތި ރައްކާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. ހަމައެހެންމެ އަންޑަގްރައުންޑް ސްޓޭޝަންތަކަކީ މީހުން ބަދަލު ކުރެވޭގޮތަށް ހުންނަ ބަންކަރުތަކަށް ހެދުމާއި ހަނގުރާމައިގެ ހާލަތުގައި ޒަހަމްވެ ބަލިވާ މީހުންގެ އަދަދުތައް އިތުރުވެދާނެކަމަށް ބަލައި ހޮސްޕިޓަލްތައް ތައްޔާރު ކުރުން ވެސް ހިމަނާފައިވެއެވެ.

ހުޅަނގުގެ ހަތިޔާރުން ޔޫކްރައިނުން ރަޝިއާގެ ތެރެއަށް ހަމަލާ ދޭން ފެށުމުން ރަޝިއާގެ ސަފުތަކަށް ލިބޭ ގެއްލުންތައް މިހާރު ދަނީ ބޮޑުވަމުންނެވެ. ރަޝިއާގެ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެ ކަން ކުރައްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އިންޒާރު ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-