ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއިން ސަލާމަތްވި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ހުސައިން ސަލީމް، މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހައިކޯޓުގައި ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި މައްސަލަ ނިމެންދެން މަފާޒު ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިފައިވެއެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދުނުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މަފާޒް މިނިވަންވުމަށް ފަހު ވެސް ފުލުހުންގެ ދައުރަށް ހުރަސް އެޅުމާއި ތޫނު ހަތިޔާރު ހިފައިގެން މުޖުތަމައު ތެރޭގައި އުޅުން ފަދަ މައްސަލަތަކުގެ ތަޙުޤީޤު ދަށު ކޯޓުގައި ހިނގަމުންދާތީއެވެ.
މި ކަމާ ގުޅިގެން މަފާޒްގެ ދިފާއުގައި އޭނާގެ ވަކީލު ވިދާޅުވީ މިދިޔަ ތިން މަހުގެ ރިކޯޑަށް ބެލުމުން މަފާޒު އެ ފަދަ ކުށެއް ނުކުރާކަން ކަށަވަރުވާނެކަމަށެވެ. މަފާޒް މިނިވަން ކުރީ މާރިޗު މަހުގެ ހަޔެއްގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައި އިރު ވެސް، އެއްވެސް މައްސަލައަކާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ސުވާލެއް ކޮށްލުމަށް ވެސް މަފާޒު ހާޒިރު ކޮށްފައިނުވާކަމަށް އޭނާގެ ވަކީލް ނޫރުއްސަލާމް ވަނީ ކޯޓުގައި ވިދާޅުވެފައެވެ.
މަފާޒްގެ މައްޗަށް ތުހުމަތުކުރެވެނީ 2017ވަނަ އަހަރު މާލޭގެ ކެފޭއެއްގައި އިންދައި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމަށް ވަޅިން ހަމަލާދިންކަމުގެ ތުހުމަތެވެ. މި މައްސަލައިގައި މަފާޒްގެ މައްޗަށް އުފުލާފައި އޮތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށެވެ. މި ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މަފާޒުވަނީ މިނިވަންވެފައެވެ.
މިދިޔަ ތިން މަހުގެ ތެރޭގައި މަފާޒުގެ ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާ މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުނެފައިވެއެވެ. ފަސް އަހަރު ވަންދެން ހުކުމެއް ކުރުމަކާ ނުލައި، މަފާޒު ބަންދުގައި ބަހައްޓާފައިވާއިރު، އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ އަނެއްކާ ބަންދުގައި ބަހައްޓަން ނުޖެހޭނެކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.