އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފް ހޯދި ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ކާމިޔާބީ، ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރިކް އަބްދުﷲ އަލް އަޖަލިން އަލްދުސާރީ ފާހަގަކުރައްވައިފިއެވެ.
ސައުދީން ރާއްޖެއަށް ޚާއްޞަ ކޮށްފައި ހުންނަ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ޝަރަފު ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދި ދީމާއަށް ސަފީރު މަރުހަބާ ވިދާޅުވާކަމަށެވެ. އަދި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ސަފީރު ވަނީ، ދީމާއަށް މަރުހަބާގެ މެސެޖެއް ލިޔެފައިވާ ފިލައެއް ދެއްވައިފައެވެ. މި ބައްދަލުވުމުގައި އޭނާގެ މަންމަ އައިޝަތު ވަހީދާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭ)ގެ ރައީސް އަލީ ރަޝީދު ވެސް ބައިވެރިވިއެވެ.
މިދިޔަ މަހުގެ 15ގައި ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި ބޭއްވި ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި ފަށާ އޮލިމްޕިކްސްގައި ދީމާ ބައިވެރިވާނެއެވެ.
ސައުދީ އަކީ ރާއްޖޭގައި ޓީޓީ ކުރިއަރުވަން މީގެ ކުރިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެކެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫގައި ކުރިއަށް ގެންދާ ޓީޓީގެ ޑިވެލޮޕްމެންޓް ޕްރޮރާމްތަކަށް ސައުދީން ވެދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.