ދުނިޔޭގެ އެންމެ ބޮޑު ސީފްލީޓް އޮންނަ ޓީއެމްއޭގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓަށް ގެއްލުންވެ މީހުން ބާލަން ޖެހުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނެފިއެވެ.
އިއްޔެ ބ. އަތޮޅުގެ ސީސައިޑް ފިނޮޅު ރިސޯޓުން ވެސްޓްއިން މޯލްޑިވްސް މިރިޔަންދުއަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ބޯޓު، އިއްޔެގެ 3:30ހާއިރު މިރިޔަންދުއަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ވަނީ ބުނެފައެވެ.
ޑީއެޗްސީ ޑޭޝް 6 މަރުކާގެ މި ބޯޓު ދަތުރުކުރި އިރު އޭގައި 11 ފަސިންޖަރުންނާއި 3 ކްރޫއިން ތިބިކަމަށް އެ އޮތޯރިޓީން ބުނެފައިވާއިރު، މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމުގައި ފަސިންޖަރުންގެ ދާގީނައަށްވެސް ގެއްލުންވެފައ ނުވާކަމަށް ސީއޭއޭއިން ބުނެއެވެ.
މީސް މީޑިޔާގައި އާންމުވި ވީޑިއޯއަކުން ފެންނަގޮތުގައި ގެއްލުންވި ސީޕްލޭން އެއް ފަރާތަށް އަރި އަޅައިފައި އޮންނަ މަންޒަރާއި އޭގެއިން ފަސިންޖަރުން ބާލާ މަންޒަރު ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި އެންމެންވެސް މިހާރު މާލެ ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަ ޓީއެމްއޭގެ 65 ބޯޓު އޮވެއެވެ.