ސަރުކާރުގެ އިދާރާތަކުގެ އެކި މަޤާމްތަކަށް ނަގާ މުވައްޒަފުން އައްޔަން ކުރުމުގެ ބާރު އެ އިދާރާއެއްގެ ވެރިންނަށް ދިނުމަށް ނިންމައިފިއެވެ.
އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ބެހޭ މައުލޫމާތު ބަލަހައްޓާ ސޮޕްޓްވެއާ ސީއެސް ވިއުގާ އަށް ބަދަލު ގެނެސްފައިވާކަން ހާމަކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބުނެފައިވަނީ، ބަދަލާއެކު އިދާރާތަކުގެ ޕާމަނެންޓް ސެކެޓްރީންނާ ސެކެޓްރީ ޖެނެރަލުންނަށް ނުވަތަ އިދާރާއެއްގެ ކަނޑައެޅޭ އިސް މުވައްޒަފަކަށް، އެ ފަރާތެއް ނިސްބަތްވާ އިދާރާއަކަށް ވަޒީފާއަށް ނެގޭ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ.
އިއްޔެ އޮތް “ސިވިލް ސާވިސް ފޯރަމް 2024” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީތަކާއި ލޯކަލް ކައުންސިލުތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް ސީއެސް ވިއުގާއަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުން ނެގުމުގެ މަސައްކަތް މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުން އައި ނަމަވެސް އެ މަސައްކަތް އިދާރާތަކުގެ ވެރިންނަށް ދޫކޮށްލުމުން އެ މަރުޙަލާ އަވަސް ވެގެންދާނެ ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.
އެގޮތުން މިހާރު ވެސް ބައެއް މިނިސްޓްރީތަކުން އެ މުވައްޒަފުން އައްޔަނުކުރުމަށް ގެނެވުނު ބާރުގެ ބަދަލާއި އެއްގޮތަށް އަމަލުކުރަމުންދާކަން ފާހަގަކުރައްވައި ނާސިހް ވަނީ، އެ ކޮމިޝަނުގެ އަމާޒަކީ މުޅި ސިވިލްސާވިސްގެ ހުރިހާ އިދާރާތަކެއްގައި ވެސް ލާމަރުކަޒީ އުސޫލުން އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި ވިދާޅުވެފައެވެ.
މުވައްޒަފުން ނެގުމުގެ އުސޫލަށް މި ގެނެވުނު ބަދަލާއެކު، ސީއެސްސީގެ ދައުރަކަށް ވާނީ ވަޒީފާތައް އޮޑިޓްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ވިއުގައިގެ ތެރެއިން މުވައްޒަފުން ނެގުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއިއެކު ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އިދާރާތަކުން ބޭނުންވާ އިރުޝާދު ދިނުން ކަމުގައިވެސް އެ ކޮމިޝަނުން ބުނެއެވެ.