ބިންވެރިޔާ ސްކީމްއަށް ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ހުޅުމާލެއިން “ބިންވެރިޔާ” ސްކީމުގެ ދަށުން ލިބޭ ގެއްލުމުގެ އަދަދު 7.2-10.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިއަދު އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި ލަފާކޮށްފައިވެ އެވެ. އޮޑިޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެޗްޑީސީއަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.3 ބިލިއަން ރުފިޔާ އާއި ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ސްކީމްގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ވަނީ ދޫކޮށްފަ އެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބިމެވެ.
އެޗްޑީސީއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް “ގަލުފަޅު” އާއި މާގިރިފަޅު” ދީފައިވާކަމަށާއި އެއީ އެޗްޑީސީއަށް ގެއްލޭ އާމްދަނީގެ 3.3 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީއާ އެކު އެޗްޑީސީއަށް ގެއްލިގެންދާ 7.7 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުންނެވެ.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ރާއްޖެއިން އެންމެ ބިން އަގު ބޮޑު ބިމުން ހިލޭ ބިން ދޫކުރުމަކީ މުޅި ދައުލަތަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 1،000 ބިމާ އެކު މާލޭގެ ރަށްވެހިންނަށް 9،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.