ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ބާއްވާނެ ގުޅުމުގެ ތަސައްވުރު ފެނިފައި ވާތީ، ދަ ޑިމޮކްރެޓްސްގެ ތާއީދު އަބަދު ވެސް އޮތީ މި ސަރުކާރަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ އެ ބޭފުޅާގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެކަން ފާހަގަކުރައްވައި ނަޝީދު ވަނީ، ރާއްޖެއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތު ރަނގަޅު މިސްރާބަކަށް ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ތައުރީފު ކުރައްވައިފައެވެ. އަދި އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ބައިވެރިވެވަޑައިގަތުމުން ހުރިހާ ދިވެހިން ވެސް އުފަލުން ތިބި ކަމަށް އެ މަނިކުފާނު އެކްސްގައި ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓްގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށް ފަހު ބަދަލުވާ ކަމެއްގެ ގޮތަށް އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑުވެއެވެ. މި ސަރުކާރު ފެށިގެން އައި އިރު އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައި އޮތުމަށް ފަހު، ސަރުކާރުން އަންނަނީ އިންޑިއާއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެ މަސައްކަތްތައް ފާހަގަކުރައްވާ ނަޝީދު ވަނީ އެ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ނާކާމިޔާބުވުމުން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ޕާޓީއިން ތާއީދު ކުރާކަމެއް އޭރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮންނާނެކަމަށް އެ ޕާޓީން ބުނަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މި ކަމާ ގުޅޭ ގޮތުން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާ ސުވާލުކުރުމުން ޕީޕީއެމް-ޕީއެންސީއާ އެކު ދަ ޑިމޮކްރެޓްސްއިން ހަދާފައި އޮތް އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށް އެ ޕާޓީގެ މެންބަރުން ވިދަޅުވެފައިވާކަމަށް މައުލޫމަތު ލިބިފައިވެއެވެ.