ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ކުރެއްވި ޚާއްޞަ ބައްދަލުވުމެއްގައި ސަރަހައްދީ ސުލްހައާއި ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މޯދީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ދެއްވި ޚާއްޞަ ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. މޯދީ ވިދާޅުވީ ތިންވަނަ ދައުރުގައި ވެސް އިންޑިއާއިން ގައުމުތަކާ އޮންނަ ގާތް ގުޅުން މެދުވެރިކޮށް ސަރަހައްދުގެ އަމާންކަމާއި ކުރިއެރުމާއި ތަނަވަސްކަމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެގޮތުން ދޭދޭ ގައުމުތަކުގެ ރައްޔިތުންނާއި ގާތް ގުޅުންތައް ބަދަހިކުރުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގެ ހަވާސާގެ ތެރެއިންނެވެ. އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ޖާފަތެއް ވެސް ވަނީ ބާއްވާފައެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ބަންގުލަދޭޝާއި ނޭޕާލް އަދި ސްރީލަންކާގެ އެންމެ އިސް ފަރާތްތަކުން ވަނީ ވަޑައިގެންފައެވެ.