އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން “ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު”އަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ބަލައިގަނެ ދިރާސާ ކުރުމަށް 241 ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލަކީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލިސްއަށް ހުށަހެޅުއްވި ބިލެކެވެ. މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ “ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން” ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ 7 ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ބިލަށް ބަހުސްކޮށް ނިމުމުން، މަޖިލީހަށް ބިލް ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި ބިލް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ ޕީޖީ، ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ކަމަށްވާ 241 ކޮމިޓީއަށް ބިލް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.
އިދިކޮޅުގެ ބިލު އެޖެންޑާކޮށްފައިވާއިރު ސަރުކާރުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓް ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނިންމައިފައެވެ.