-Advertisement-

-Advertisement-

ގްރޭޑް 6ން މަތީގެ ދަރިވަރުންނަށް ޚަޠީބުކަމުގެ ވަގުތީ ހުއްދަ ދެނީ

ޒުވާން ޚަޠީބު ކޯސް ފުރިހަމަ ކުރި ޚާޠީބަކަށް ލިޔުން ހަވާލު ކުރަނީ - ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ްރޭޑް 6ން މަތީގެ ކުދިންނަށް ޚަޠީބުކަމުގެ ވަގުތީ ހުއްދައެއް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކުލަވާލި އުސޫލެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ އެ ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުމާއި ޢީދު ނަމާދާއި ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދޭނީ، މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނަކުން އެންމެ މަދުވެގެން ވެސް 75 އިންސައްތަ މާކްސް ލިބިފައިވުމާއި މިނިސްޓްރީން ކަނޑައަޅާ ޚަޠީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅައިފައިވާ ދިހަ އިންސައްތަ މާކްސް ލިބިގެންކަމަށެވެ.

މީގެ އިތުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް ހުއްދަ ދިނުމުގައި ބަލާނީ، އިމާމުވެ ހުކުރު ކުރުމަށް ހުއްދަ ދިނުމަށް ބަލާ އާންމު މިންގަނޑާ އެއްގޮތަށް ސާނަވީ އިމްތިޙާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން އިސްލާމާއި ދިވެހި މި ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމްކިޔުއޭގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނޫނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނުން އެންމެ މަދުވެގެން ވެސް 85 އިންސައްތަ މާކްސް ލިބިގެންނެވެ.

މީގެ އިތުރުން މިނިސްޓްރީން އެކުލަވައިލި އުސޫލުގައި ބުނެފައިވަނީ، ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރްއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ޙުކުމްތައް އެނގޭ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދައެއް ދޫކުރެވިދާނެކަމަށެވެ.

އެގޮތުން ހުއްދަ ދެނީ، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރެވޭ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމަށް ކައުންސިލުން ނުވަތަ މި އުސޫލުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން ކައުންސިލަށް ކަށަވަރުކޮށްދީފައިވާ ނަމައެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތްތަކުގައި ގުރޭޑު ހައަކަށްވުރެ މަތީ ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުންނާއި، އުމުރުން 65 އަހަރުން މަތީ މީހުންނަށް ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ވަގުތީ ހުއްދަ ހަ މަހަށާއި އެއް މަހާއި ދެމެދަށް ދެވިދާނެއެވެ.

އެގޮތުން މިނިސްޓްރީން ކަނޑައަޅާ ހާއްސަ ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ  ހުކުރު އަދި ކޭތަ ނަމާދުކުރާނެ ހުއްދަ އޮތް އެއްވެސް ފަރާތެއް ނެތް ހާލަތެވެ.

ވުމާއެކު އެ ހާލަތުގައި  އެ މީހަކަށް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދެވިދާނެ ކަމަށް އެ އުސޫލުގައި ބުނެފައިވާއިރު، އެ ނަމާދުކުރުމުގެ ހުއްދަ އޮތް މީހަކު ބަލިވެއްޖެނަމަ، އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހުއްދައެއް ދެވިދާނެ ކަމަށްވެސް މިނިސްޓްރީގެ އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުން 65 އަހަރުން މަތީ މީހުންނަށް ހުއްދަ ދޫކުރެވޭނީ އެމީހަކީ ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލުކަން ހުރި މީހަކަށް ވާނަމައެވެ. ގުރޭޑު 6 އިން މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ހުއްދަ ދޭއިރު އެ ކުދިންނަކީ ރީތިކޮށް ގުރުއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ވާންޖެހެ އެވެ.

ހުއްދައަށް އެދޭއިރު، 18 އަހަރު ނުވާ ކުއްޖެއްނަމަ އެ ކުއްޖެއްގެ ޝަރުޢީ ބެލެނިވެރިޔާ ނުވަތަ ޤާނޫނީ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ސްކޫލު/މަދަރުސާގައި ކިޔަވާ ދަރިވަރެއް ނަމަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-