ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ދޭ ލޯނު ދޭން ނިންމާފައިވަނީ މެރިޓް އުސޫލުގެ ދަށުން އެންމެ މަތިން ނަތީޖާ ހޯދާފައިވާ 10 ކުދިންނަށް ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ކިޔަވައިގެން އައިސް ތިބި އެތައް ޕައިލެޓަކަށް ވަޒީފާ ލިބިފައި ނުވާތީ، ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައް މަދުކޮށްފައިވާކަން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރީ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން މީގެ ކުރިން ނިންމާފައިވީ ނަމަވެސް ޕައިލެޓްކަން ކިޔެވުމަށް މި އަހަރު ދިނީ 10 ޖާގައެވެ.
މި ގޮތަށް އުސޫލަށް ބަދަލު ގެނެވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މިނިސްޓްރީން ބުނީ މިދިޔަ އަހަރު 500އަށް ވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާތީ ކަމަށެވެ. ކުރީ ސަރުކާރުން ޕައިލެޓްކަން ކިޔަވަން ފޮނުވި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެ ދަރިވަރުން ކިޔަވައިގެން އައުމުން ވަޒީފާ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް މިނިސްޓްރީން ވަނީ ފާޅުކޮށްފައެވެ. ހަމައެހެންމެ މި އަދަދަށް ދަރިވަރުން ދަސްވެނިވެގެން ރާއްޖެ އަތުވެއްޖެ ނަމަ ވަޒީފާ ނުލިބިދާނެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ކަމާބެހޭ އިދާރާތަކުން ފާޅުކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މި އަހަރު ޕައިލެޓްކަން ކިޔެވުމަށް ދިން 10 ޖާގަ ދިނީ ސ. ގަމުގައި ހުންނަ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށެވެ.