މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން 38 މިލިއަން ރުފިޔާ ހޯދުމަށް މިލޭނިއަމް ކެޕިޓަލްސް މެނޭޖްމަންޓާ ދެކޮޅަށް ކުރި ދައުވާ ހައި ކޯޓުން ނާކާމިޔާބުވެއްޖެއެވެ.
އެމްއެމްޕީއާރުސީން މިލޭނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާއެއް އުފުލާފައި ވަނީ 2014 ވަނަ އަހަރެވެ. އެ ދައުވާ އަކީ ޕްރޮމިސަރީ ނޯޓެއްގެ ދަށުން ދޫކުރި ފަސް މިލިއަން ޑޮލަރާއި އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އެ ދައުވާ ސާބިތުނުވާތީ އެ ފައިސާ ދޭން މިލޭނިއަމްގެ މައްޗަށް އަމުރު ނުކުރެވޭނެކަމަށެވެ. މި މައްސަލަ އެމްއެމްޕީއާރުސީން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް ފަހު ހައިކޯޓުން މި ހަފްތާގެ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާކަމަށާއި، ސިވިލް ކޯޓަށް ހުށަނާޅާ ލިޔުމެއް އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދިފައި ވިޔަސް، އެ ލިޔުމަކީ ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށް ބުނެފައެވެ. ހުކުމުގައިވާ ގޮތުން ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު އެ ލިޔުން ހުށަނޭޅި ސަބަބެއް އެމްއެމްޕީއާރުސީއަށް ބުނެދެވިފައެއް ނުވެއެވެ. އަދި އާ ހެއްކެއް ލިބުނު ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ނުކުރެވޭނެކަމަށް ވެސް ހުކުމުގައިވެއެވެ.
އެހެންކަމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ހުކުމްކޮށްފައިވެއެވެ.