-Advertisement-

-Advertisement-

މާލެ ބޭރުމަތީގައި މަސްވެރިން މުޒާހަރާ ކުރަނީ

ފޮޓޯ: ސޯޝަލް މީޑިއާ

މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދޭތީވެ މާލެ ބޭރުމަތީގައި މަސްވެރިންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.

މަސް ގަތުމަށްފަހު ފައިސާ ނުދީ ގިނަ ދުވަސްވާތީވެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މިއަދު ފުރަތަމަ މުޒާހަރާ ކުރަންފެށީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައެވެ.  މާލެ ޖެޓީ ސަރަހައްދަށް މިސްރާބު ޖެހުމުން މެރިން ޕޮލިސް އެކަމަށް ހުރަސްއެޅުމުން މިހާރު މުޒާހަރާ ކުރަމުން އަންނަނީ މާލެ ބޭރުމަތީގައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާ ދެކޮޅު ކަމަށާއި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް ގޮވާލާފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިދިޔަ ހަފްތާގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނުއެޅުން ހުއްދަކުރުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ސަލާމަތްކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑުކަމަށެވެ.

މީގެއިތުރުން މިއަދު މަސްވެރިންވަނީ ގދ. މަޑަވެލީގައިވެސް މުޒާހަރާކޮށްފައެވެ. ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ގދ. މަޑަވެލީގައި މުޒާހަރާ ކުރި މަސްވެރިން ކަންބޮޑުވުންތައް އައްސަވާ އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވާކަމަށް ގދ. މަޑަވެލީގެ ކައުންސިލުން ބުނެފައިވެއެވެ.

ސަރުކާރުގެ މަސް ކުންފުނިން މިފްކޯއިން އިއްޔެ ބުނެފައިވާ ގޮތުގައި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރިއެވެ. އަދި މިހާރު ދަނީ މަސްވެރިންނަށް މިފައިސާ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މިފްކޯއަށް ހަވާލާދީ ސަންއިން ބުނެފައިވާ ގޮތުގައި މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޕޭމަންޓެއް މިއަދު ނުވަތަ މާދަމާ މަސްވެރިންނަށް ފޮނުވޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-