ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުން ބޭރުން މައްސަލަ ޙައްލު ކުރުމަށް ދިން ފުރުސަތަށް ދައުލަތުން ދެކޮޅު ހަދައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސަދާއަށް ފަރުވާދެމުން ދަނިކޮށް އެހޮސްޕިޓަލުގެ އިޙުމާލުން ސަދާގެ ގަޔަށް ނުބައި އިންޖެކްޝަނެއް ހެރިގެން މަރުވެފައިވާއިރު، މިމައްސަލައިގައި ސަދާގެ އާއިލާއިން ވަނީ ދައުލަތާއި ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކޮށްފައެވެ.
މިމައްސަލައިގައި އާއިލާއިން ވަނީ ދައުލަތުން ގެއްލުމުގެ ބަދަލު ނަގައިދޭން އެއްބަސްވާނަމަ ކޯޓުން ބޭރުން މައްސަލަ ޙައްލު ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި ސިވިލް ކޯޓުން މިއާއި ގުޅިގެން ވަނީ ދައުލަތަށް ކޯޓުން ބޭރުން މައްސަލަ ނިންމަން ފުރުސަތު ދީފައެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ބޭނުންނުވާ ކަމަށް ބުނެފައެވެ.
އޮކްޓޫބަރު، 2021 ގައި ސަދާއަށް ފުވައްމުލަކު ހޮސްޕިޓަލްގެ އިޙުމާލުން މަރުވެފައިވާއިރު، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތުގައި މިމައްސަލަ އާއި މެދު ގޮތެއް ކަނޑައެޅުމަށް ބޭނުންވާކަމަށް ބުނެފައިވާއިރު، މައްސަލާގައި ކޯޓުން ގޮތެއް ނިންމަން އެދުނީ ހެލްތް މިނިސްޓްރީން އެގޮތަށް ބޭނުންވާތީ ކަމަށާއި އެއީ ގާނޫނީ ބައެއް ސަބަބުތައް ހުރުމުން ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހާއި ހަވާލާދީ މިހާރު ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.
“ގާނޫނީ އިޝޫސްތަކެއް އެބަހުރި. އެހެންވީމަ ހެލްތު މިނިސްޓްރީން އެދިވަޑައިގެންފައި އޮތީ ކޯޓުން އެކަމުގައި ގޮތެއް ނިންމަން.” އޮފިޝަލް ވިދާޅުވި ކަމަށް މިހާރު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ސަދާގެ ބައްޕަ ސައުދުﷲ އަޙުމަދު ޙަސަން ބުނެފައިވަނީ ސަދާގެ މަރުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކޮށްފައިވަނީ ދައުލަތުގެ އިހުމާލުތަކުގެ ސަބަބުން ސަދާގެ އާއިލާއިން ތަހައްމަލްކުރި ފަދަ ކަމެއް އެހެން ބަޔަކަށް ކުރިމަތިވިޔަ ނުދިނުމަށް ކަމަށެވެ. އަދި އަދި ސަދާގެ މައްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ނިންމާފައި ވިޔަސް، އެ އެ މައްސަލާގައި އިހުމާލެއް އޮތް ކަމަށް އެއްބަސްވާން ވެސް ދައުލަތުން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސަދާގެ މަރުގެ މައްސަލަ ތަޙުގީގު ކުރުމަށްފަހު، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އިޙުމާލު އޮތްކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅާފައެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންގެ ލައިސެންސްވެސް މެޑިކަލް ކައުންސިލުން ވަނީ ބާޠިލުކޮށްފައެވެ.