-Advertisement-

-Advertisement-

ސިފައިންގެ ފަރާތުން 2.1 މިލިއަން ރުފިޔާ ފަލަސްތީނަށް ހަދިޔާ ކޮށްފި

"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯންގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ފައިސާ ހަދިޔާ ކުރައްވަނީ. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.

“ފަލަސްތީނާއެކު ދިވެހީން” ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން މިހާރު ކުރިއަށް ގެންދާ ޓެލެތޯނަށް ދިވެހި ސިފައިންގެ ފަރާތުން 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގޮވާލެއްވުމަށް އިއްޔެ ހެނދުނު 8 އިން ރޭ ދަންވަރު 12 އަށް ކުރިއަށް ގެންދިއަ ޓެލެތޯންގައި އެ ފައިސާގެ “ރަމްޒީ ބޯޑު” ޕީއެސްއެމްގެ އިސްވެރިންނާ ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ޓެލެތޯނުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ވެސް ފަލަސްތީނުގެ ޙައްޤުގައި ވަކާލާތު ކުރައްވާކަމުން، ދިވެހި ރައްޔިތުން އެ މަނިކުފާނާ މެދު ފަޚުރުވެރިވާކަމަށެވެ. އަދި ފަލަސްޠީނަށް ދިމާވެފައި މިވާ ހިތާމަވެރި ޙާލަތުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި އެންމެ ފާހަގަކޮށްލެވޭ އިސްލާމީ ލީޑަރަކީ، ރައީސް މުޢިއްޒުކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި އެ ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީގެ އިތުރުން އެހެން ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މިހާތަނަށް މި ޓެލެތޯނަށް އެއްފަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ. ދައުލަތުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އާންމުން ވެސް ޕީއެސްއެމްގެ ޓެލެތޯން ހަރަކާތުގައި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެއް އާއިލާއަކުން 50،000ރ. ހަދިޔާ ކުރިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ. ޕީއެސްއެމްގެ ގޯތިތެރޭގައި ބެހެއްޓި ފޮއްޓަށް ރޭ 10 ޖަހަންދެން ރުފިޔާ ލެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-