-Advertisement-

-Advertisement-

ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ހަށިވިއްކުމާއި ޑްރަގް ޓްރެފިކިންގްގެ އަމަލުތައް ހިންގުމާއި އެ ކަންކަމަށް ހިތްވަރުދިނުމަށް ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މި ޓެލެގްރާމް ގްރޫޕްތައް ހިންގަމުން ގެންދާކަމަށް ފުލުހުން މައުލޫމާތު ދީފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުން ފެށިގެންނެވެ. މި މައްސަލައިގައި މި އަހަރު މާރިޗު 6 ގައި ފުލުހުން ވަނީ ދެމަފިރިއަކު ހައްޔަރުކޮށްފައެވެ.

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ބުނީ ޓެލަގްރާމް އެޕްލިކޭޝަންގައި “ޖަޒީރާ އެޑްމިން” ގެ ނަމުގައި ހަދާފައިވާ ޔޫސާ ބޭނުން ކުރަމުންގެންދާ ފަރާތުން އެކި ނަންނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި ވިއްކުމާއި، ހަށިވިއްކުމަށް ހިތްވަރުދީ، މަނާ ބޭހާއި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދިޔަ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.

ދައުވާ އުފުލާފައިވާ 3 މީހުން:

  • ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު: މަނީލޯންޑަރިންނާއި ހަށިވިއްކުމަށް އެހީތެރިވެދިނުން އަދި އިތުރު 2 ދައުވާއެއް އުފުލާފައިވޭ.
  • ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ: މަނީލޯންޑަރިންނާއި މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރުދިނުން އަދި އިތުރު 2 ދައުވާއެއް އުފުލާފައިވޭ.
  • ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް: މަނީލޯންޑަރިންނާއި މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރުދިނުން އަދި އިތުރު 2 ދައުވާއެއް އުފުލާފައިވޭ.

ޕީޖީ އޮފީހުން ބުނީ ދަޢުވާތަކާ ގުޅިގެން މި 3 މީހުން ކުށް ކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ނުވަ މިލިއަން ރުފިޔާ (9,495,685.55 ރ) ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. މަނީލޯންޑްރިންގެ ދައުވާ މި 3 މީހުންގެ މައްޗަށް ކޮށްފައިވަނީ، މި ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރު ކުރި 5 ޓެލެގްރާމް ޗެނަލެއް މި އަހަރުގެ މޭ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ ސީޒްކޮށްފައެވެ. ފުލުހުން ސީޒްކޮށްފައިވާ ޗެނަލްތައް:

  • ޖަޒީރާ އެޑްމިން
  • ޖަޒީރާ ގާލްސް
  • ޖަޒީރާ އެސްކޯޓް ގެލެރީ
  • ޖަޒީރާ ސްކޭމް އެލާޓް
  • ޖަޒީރާ ލިންކް ހަބަރު

ފުލުހުން ބުނީ ކުށުގެ އަމަލުތައް ހިންގަމުން ދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ޓެލެގްރާމް ޗެނަލްތަކަށް 7000 އަށް ވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-