ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް މަގުމަތިން ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 19:23 ހާއިރު އެ އޮފިސަރު ހުޅުމާލޭ ޖަލުން ނުކުމެގެން ހުޅުމާލޭ ފޭސް 2 އަށް ދިޔަ މަގުމަތީގައިކަމަށް ހުޅުމާލެ ޖަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ހަމަލާދޭން މަސައްކަތް ކުރި މީހުން އައީ އެ އޮފިސަރުގެ ފަހަތުން ކަމަށާއި ހަމަލާދޭން މަސައްކަތް ކުރި ދެ މީހުން ވެސް ތިބީ ސައިކަލެއްގައިކަމަށް ހުޅުމާލެ ޖަލުން ބުނެއެވެ. އަދި ހަމަލާދޭން ބޭނުން ކޮށްފައިވަނީ މަރުތޭލަކުންކަމަށް ވެސް މައުލޫމާތި ލިބެއެވެ. ނަމަވެސް އެ އޮފިސަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހުޅުމާލެ ޖަލުން ހާމަކުރެއެވެ.
މި މައްސަލަ މިހާރު ކަރެކްޝަންސްގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށް، މައްސަލަ ފުލުހުން ދަނީ ބަލަމުންކަމަށް ވެސް ޖަލުން ބުންޏެވެ.
ހުޅުމާލެ ޖަލުން ވަނީ ކަރެކްޝަނަލް ސާވީސްގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން މަގުމަތީގައި އުޅުމުގައި ސަމާލުވާން އިލްތިމާސްކޮށްފައެވެ.