ކަންނެލި މަސްވެރިންގެ އިހްތިޖާޖް އަޑުއެހުމަށާއި މަސްވެރިން މިފްކޯއިން ނުދީ އޮތް ފައިސާ ދިނުމަށް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ކަންނެލި މަސްވެރިން އިއްޔެ ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އަހަންޖެހޭކަމަށާއި، މިފްކޯއިން މަސްވެރިންނަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދޭންޖެހޭކަން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވެރިކަމާ ހަމާލުވެވަޑައިގެންނެވީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާނެކަމަށް ވަޢުދުވެވަޑައިގެންކަން ދިވެހި މަސްވެރިން ގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ނުދައްކާ އޮތް ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދައްކާފައެވެ. މި ވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޙައްޤެއްކަމަށާއި ލަސްނުކޮށް އެ ފައިސާ މަސްވެރިންނަށް ދެއްކުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.