މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި އެކަކުގެ ނަންމަތީގައި 100 ވެހިކަލް ރަޖިސްޓާރ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓާރގެ ވެހިކަލް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްގެ ވަގަށް ނެގުމުން ބޮޑު ނެޓްވޯރކެއް ފަޅާއަރާފައިވެއެވެ.
މިމައްސަލާއިގައި މިހާތަނަށް ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، އެކަކުގެ ނަންމަތީގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވެއެވެ. އެއީ އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނި އަސުރުމާގެ އަހުމަދު ހައިޝަމް، 42 އާއި މ. މޮޑަން ހޯމް އަހުމަދު ނިޒާމް، 43 އެވެ.
މިސްކޭމް އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މި ފަޅާއެރި ވައްކަމުގެ “ފުންމިން” އަދި ނޭނގޭ ކަމަށާއި ވެހިކަލްތައް ނަގާފައި ވެހިކަލްގެ ވެހިކަލްތަކުގެ އަސްލު ގެއްލޭވަރަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.
މި ސްކޭމް ފަޅާއެރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެމްއޭސީއެލްގެ ތެރޭގައި އޮތް ވޭނެއް ވަގަށް ނެގުމުން ކަމަށާއި އެވޭން ވަގަށް ނެގުމުގައި ކުންފުނީގެ މުވައްޒަފެއް ވެސް ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެމްއޭސީއެލުން ވަގަށް ނެގި ވެހިކަލް ވަގަށް ނެގުމަށްފަހު ވަނީ އެރޭ ދަންވަރު އެއާޕޯޓު ހުޅަނގުން އޮންނަ މަގުން ހުޅުމާލެ ގޮސް، ހުޅުމާލޭ އޮރެންޖު ބިލްޑިން ކައިރީގައި ވެހިކަލްގެ ޕްލޭޓް ބަދަލުކޮށް ވެހިކަލްގެ އަސްލު އޮޅުވާލައިފައެވެ.
މާލެ ގެނައުމަށް ފަހު ހ.އީރާނުގޭގެ ތިރީގައި ހަދާފައި ހުރި ގަރާގެއްގެ ތެރޭގައި ވެހިކަލް ބާއްވާފައިވާ ކަމަށާއި އެވެހިކަލް ހޯދުމަށް އެތަން ބަލާ ފާސްކުރި އިރު، މީގެ މަހެއްހާ ދުވަސް ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވޭނެއްވެސް ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.
މި ދެންނެވި ވައްކަމުގެ ތެރޭގައި ބޮޑެތި ހަތަރު ފުރޮޅުލީ ވެހިކަލްތަކުގެ އަސްލު އޮޅުވާލުމަށްޓަކައި މަސައްކަތް ކޮށް އިންޖީނު ނަންބަރާއި ޗެޗެސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި މާލޭގައި މި ވިޔަފާރި ކުރަމުންދާ ކަން،” ދާއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން 2025، 2027 ވަނަ އަހަރުތަކަށް ވެސް ރަޖިސްޓްރީ ހަދައި އިޝޫ ކޮށްފައިވާކަމަށް ދާއޫދު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ވެހިކަލް ފެނުނު ގަރާޖު ރަޖިސްޓާރ ކޮށްފައިވަނީ ނިޒާމްގެ ނަންމައްޗަށެވެ. ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ދާއޫދު ވިދާޅުވީ އެންމެ ގިނަ ވެހިކަލް ރަޖިސްޓާރ ކޮށްފައިވަނީ އޭނާގެ ނަންމައްޗަށް ކަމަށާއި އެއީ އޭނާގެ އަންހެނުންގެ ނަންމަތީގައި 42 އުޅަނދު އަދި ބާކީ އޭނާގެ ނަންމަތީގައި ކަމަށެވެ.
ހުރިހާ ވެހިކަލެއްވެސް މާލެ ސަރަހައްދުގައި ރަޖިސްޓާރ ކޮށްފައިވާއިރު، މިކަންކޮށްފައިވަނީ ނިޒާމް އާ ގާތް ގުޅުމެއް އޮންނަ ގޮތުން، ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ކަމަށް ދާއޫދު ވިދާޅުވިއެވެ.