-Advertisement-

-Advertisement-

ޖޭއެސްސީ އެކުލެވޭ ގޮތާއި މަޖިލީހުގެ މެމްބަރުންގެ އަދަދު މުރާޖާ ކުރަން ހުށަހަޅަނީ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެޓާނީ ޖެނެރަލްގެ އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލު ކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށްވާތީ، ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ ޤާނޫނު އަސާސީއަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭތޯ ބައްލަވަމުން ގެންދަވާކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމަކީ ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރާނެ ގޮތާއި މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓް ކުރަން އިސްލާހު ހުށަހަޅާނީ ކޮން ގޮތަކަށް ކަން މިވަގުތު އަދި ނިންމާފައި ނުވާކަމަށެވެ. އަދި ކުރީގެ ސަރުކާރުން ޖޭއެސްސީއަށް އިސްލާހު ގެންނަން ނިންމީ އެންމެ ފުރިހަމައަށް މަޝްވަރާ ކުރުމެއް ނެތިކަމަށާއި، މި ސަރުކާރުން އެ އިސްލާހު ހުށަހަޅާނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހުކަމަށް އުޝާމް ވިދާޅުވިއެވެ.

އުސާމް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަކީ އެ އޮފީހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. ހަމައެހެންމެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ އެންމެންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، މި ކަމާ ގުޅޭ މަޝްވަރާ ހުރިހާ ޕާޓީތަކާ ކުރައްވާނެކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ހުރިހާ އިންތިހާބުތަކެއް ވެސް އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއްކަމަށާއި ނަމަވެސް އެ ކަމާ މެދު ގޮތެއް ނިންމޭނީ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އެކުލަވާލި 5 އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫޢަކާ ގުޅޭ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ގާނޫނާ ގުޅޭ ބިލާއި، މިހާރު އަމަލު ކުރާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ 135 ބިލެއް ހިމެނެއެވެ. މީގެތެރޭގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތް މުރާޖާކުރުމުގެ ބިލުތަކެއް ވެސް ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-