-Advertisement-

-Advertisement-

50 ރަށެއްގައި ކައުންސިލްގެ އާ އިމާރާތްތައް އެޅުމަށް ނިންމައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް. ފޮޓޯ: ޕީއެސްއެމް ނިއުސް.

މި އަހަރުގެ ފެބްރުވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ 50 ރަށެއްގައި ކައުންސިލްގެ އާ އިމާރާތްތައް އެޅުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކޮށްފިއެވެ.

ކައުންސިލްގެ އާ ޢިމާރާތްތައް އަޅާ 50 ރަށް އިއުލާނު ކުރެއްވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކައުންސިލްގެ އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވެއެވެ. ނަމަވެސް މި ފަހަރު އިސްކަން ދެއްވީ އެންމެ ބޮޑަށް އާ އިމާރާތެއް ބޭނުންވެފައިވާ ރަށްރަށަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ރަށްރަށް ކަނޑައެޅުއްވީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރެއްވުމަށް ފަހުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ޙާލަތު އެންމެ ދަށްކޮށް ހުރި އިމާރާތްތައް ހުރި ރަށްރަށް ބެއްލެވުމަށް ފަހު، އެ ރަށްރަށް ކަނޑައެޅުއްވީކަމުގައި ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ އާބާދީއާއި ކައުންސިލުގެ ވަސީލަތްތައް ހުރި މިންވަރަށް ރިއާޔަތް ކުރައްވާފައިވާނެކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލްގެ އާ އިމާރާތްތައް އެޅުމަށް ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ބަޖެޓުކޮށްފައިވާ ރަށްތައް އިއްޔެ އިޢުލާނު ކުރި ލިސްޓުގައި ނުހިމެނޭނެކަމަށެވެ. ނަމަވެސް ބަޖެޓުގައި އޮތް ގޮތަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި ރަށްތައް:

  • ހއ. އަތޮޅުން: ވަށަފަރު / އިހަވަންދޫ / ހއ. ދިއްދޫ
  • ހދ. އަތޮޅުން: ކުމުންދޫ / ނޭކުރެންދޫ / ވައިކަރަދޫ
  • ށ. އަތޮޅުން: ފޭދޫ / ކޮމަންޑޫ / ގޮއިދޫ / ނަރުދޫ
  • ނ. އަތޮޅުން: ހެނބަދޫ / ޅޮހި / ފޮއްދޫ / މަނަދޫ / މަގޫދޫ / ލަންދޫ
  • ރ. އަތޮޅުން: ވާދޫ / ހުޅުދުއްފާރު
  • ބ. އަތޮޅުން: ކަމަދޫ / ކުޑަރިކިލު / ފެހެންދޫ / އޭދަފުށި / ތުޅާދޫ / ކިހާދޫ
  • ޅ. އަތޮޅުން: ކުރެންދޫ
  • ކ. އަތޮޅުން: ހިންމަފުށީ / ކާށިދޫ / ގާފަރު / ގުރައިދޫ / ތުލުސްދޫ
  • އދ. އަތޮޅުން: ކުނބުރުދޫ / މަހިބަދޫ / ފެންފުށި
  • މ. އަތޮޅުން: މުލައް / ދިއްގަރު / މުލި
  • ފ. އަތޮޅުން: ފީއަލި
  • ދ. އަތޮޅުމް: ހުޅުދެލި / ބަނޑިދޫ
  • ތ. އަތޮޅުން: އޮމަދޫ / ގާދިއްފުށި / ބުރުނި / ގުރައިދޫ / ވޭމަންޑޫ
  • ލ. އަތޮޅުން: މާބައިދޫ / ކުނަހަންދޫ / މާވަށް
  • ގއ. އަތޮޅުން: މާމެންދޫ / ނިލަންދޫ
  • ގދ. އަތޮޅުން: މަޑަވެލި

މި 50 ރަށުގެ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނެކަމަށް ޝަރީފްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މި އިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާ ކުރާ ތަންތަނަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން 26 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި އަހަރު 29 ކައުންސިލް އިދާރާއެއް އެޅުމަށް ސަރުކާރުން ވަނީ ބަޖެޓުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-