-Advertisement-

-Advertisement-

މައުލޫމާތު ދޭން ހުރަސް އަޅުމުގެ މަޤްޞަދެއް ނެތްކަމަށް އުޝާމް ވިދާޅުވެއްޖެ

އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ މައުލޫމާތު ދޭން ހުރަސް އަޅުމުގެ މަޤްޞަދުގައި ނޫންކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހެޅުމަށް ނިންމީ އެ ޤާނޫނު މިހާރު އޮތްގޮތުން ދަތިތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މި ޤާނޫނަށް އިސްލާހު ގެންނައުމަށް ވަނީ ހިމަނާފައިކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި ޤާނޫނު އުވާލުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މިހާރު އެ ޤާނޫނު އޮތް ގޮތުން ދިމާވާ ބައެއް ދަތިތައް ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ޤާނޫނުގެ މުއްދަތުތަކާއި އިޖްރައާތުތައް ހުރި ގޮތުން އެ ޤާނޫނު ތަންފީޒު ކުރުމުގައި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާކަމަށެވެ. ހަމައެހެންމެ އެ ޤާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް ހުރިކަން އުޝާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އިސްލާހު ހުށަހެޅުއްވުމުގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރާ މަޝްވަރާ ކުރައްވާނެކަން އުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

ޖުމްލަ ގޮތެއްގައި ހުރިހާ ބިލެއް ވެސް ހުށަހަޅުއްވައިފައިވާނީ ޤާނޫނެއްގެ ތެރެއިން ޙައްޤުތަކެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައިކަމަށް އުޝާމް ވިދާޅުވިއެވެ. އޭގެތެރޭގައި ޤާނޫނު އަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި، ޤާނޫނު އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން އިސްލާހް ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކާ ގުޅޭ ބިލުތަކާއި، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ޤާނޫނެއް ހެދިފައި ނެތް އެހެންނަމަވެސް ކޮންމެހެން ޤާނޫނަކުން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލްތައް ހިމެނޭކަން އުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-