-Advertisement-

-Advertisement-

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމާ ގުޅޭގޮތުން ހުށަހަޅާފައި އޮތް ބިލަށް އިސްލާހު ހުށަހަޅުއްވަން އޭޖީން ނިންމައިފި.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެޓާނީ ޖެނެރަލްގެ އޮފީސް

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ ދަތިތައް ދިމާވެދާނެ ކަމަށާއި ބިލަށް އިސްލާހު ހުށަހަޅާނެކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޤަސްދުކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އިޢުލާނުކުރެއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފަލަސްޠީނުގެ މުސްލިމް އަޙުންނާއި އުޚުތުންނަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މި ހުށަހެޅުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި ދެ ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނޭހެން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލެކެވެ. އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އެ ބިލަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ތާއިދުކޮށް، ޖޫން 10 ވީ ހޯމަ ދުވަހު ބިލް ބަލައިގަތުމަށްފަހު، ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ވަނީ ފޮނުވިފައެވެ.

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު މިހާރު ހުށަހެޅިފައި އޮތް ގޮތަށް ފާސްކޮށްފިނަމަ، ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ބަންޑާރަނައިބުގެ ފަރާތުން ވެސް އިސްލާހުތައް ހުށަހަޅުއްވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން މިހާރު މަޖިލީހަށް ބިލެއް ހުށައަޅާފައި އޮތުމުން ސަރުކާރުން އިތުރަށް ބިލެއް ހުށައެޅުމުގެ ބޭނުމެއް ނެތްކަމަށެވެ. ބަދަލުގައި ސަރުކާރުން އެ ބިލަށް ގެންނަން ބޭނުންވާ އިސްލާޙުތައް ކޮމިޓީ މަރުހަލާގައި މަޝްވަރާކުރާއިރު ގެންނެވުމަކީ އުޝާމް އެދިވަޑައިގަންނަވާ ގޮތް ކަމުގައި އުޝާމް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ޤާނޫނު އިސްލާހު ކުރުން ލަސްވަމުންދާތީ، އާންމުންގެ ފާޑުކިޔުންތައް ވެސް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-