-Advertisement-

-Advertisement-

ބޮޑީ ސްކްރަބް – ހަންގަނޑުގެ ސިއްޙަތަށް ބޭނުންކުރުން ރަނގަޅު

ބޮޑީ ސްކްރަބް އަކީ ހަންގަނޑުގެ ސިއްޙަތު ދެމެހެއްޓުމަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި މިއީ އާންމުކޮށް ހުރިހާ ވައްތަރެއްގެ ހަމަކާއިވެސް ގުޅޭ އެއްޗެކެވެ. ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރެވޭ ސްކްރަބް އަކީ އަހަރެމެންގެ ތެރޭގައި މަޤްބޫލު އެއްޗެކެވެ. އަދި ބޮޑީ ސްކްރަބްގެ ގިނަ ވައްތަރުތައް މިހާރު ދިވެހިރާއްޖޭގައިވެސް ލިބެން ހުރެއެވެ. ވީމާ، މިއީ އަހަރުމެންގެ ތެރެއިން ގިނަމީހުންގެ ފާޚާނާއަށް ބޭނުންވާ ތަކެތީގެ ލިސްޓުގައި އަބަދުވެސް ހިމެނޭ އައިޓަމެކެވެ.

އަހަރުމެންގެ ހަންގަނޑު އުފެދިފައިވާ ގޮތުން ސެލްތައް މަރުވެ އައުސެލްތައް އުފެދި ހަންގަނޑު ބަދަލުވަމުން އައުވަމުން ދެއެވެ. މިއީ އަބަދުވެސް ހިނގަހިނގާ ހުންނަ ކަމެކެވެ. އަދި ހަންގަނޑުގެ މިމަސައްކަތް ބިނާވެގެން ދަނީ މީހާގެ ހަމުގެ ވައްތަރަށާއި، އުމުރަށާއި، ވަށައިގެންވާ މާހައުލުގެ އިތުރުން ހަންގަނޑުގައި ބޭނުންކުރާ އެއްޗިއްސަށެވެ. ހަންގަނޑުން ހިނގަމުންދާ މިމަސައްކަތް އަބަދަކު އެންމެ ފުރިހަމައަކަށް ކުރިއަކަށް ނުދެއެވެ. އޭގެ ސަބަބުން ހަނގަނޑުގައި މަރުވެފައިވާ ސެލްތައް ނުނެއްޓި އެއްވެފައި ހުރުމުގެ ސަބަބުން ހަންގަނޑު ކުރަކިވުމާއި ހިކުންފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ އަހަރުމެންގެ ބޮޑީ ސްކްރަބްގެ ބޭނުންހިފަންޖެހޭ ސަބަބެވެ.

ބޮޑީ ސްކްރަބް ބޭނުންކުރުމުގެ އެތައް ފައިދާތަކެއް އެބަހުއްޓެވެ. މިސާލަކަށް ބޮޑީ ސްކްރަބް ބޭނުންކުރުމުން ހަށިގަނޑުގައި ލުމަށް ބޭނުންކުރާ މޮއިސްޗަރައިޒަރ އިން ކުރާ ފައިދާ އިތުރު ކޮށްދެއެވެ. އެއީ ސްކްރަބް ކުރުމުން ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ދިއުމުން މޮއިސްޗަރައިޒަރ ކަހަލަ އެއްޗިހި ހަށިގަނޑަށް އެބްސޯރބް ކުރުމަށް އެއްވެސް ހުރަހެއް ނުވާނެތީއެވެ.

މީގެއިތުރުން، އާންމުކޮށް ސްކްރބް ކުރުމަކީ ހަންގަނޑުގައި ހުންނަ ޕޯސްތައް ސާފްކޮށްދީ ބަންދުވުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އެހެންކަމުން ސްކްރަބް ކުރުމުން ހަންގަނޑު ތެރެއަށް އިސްތަށި އުފެދުން ހުއްޓުވައިދޭނެއެވެ. މައިގަނޑު ގޮތެއްގައި ބޮޑީ ސްކްރަބް ކުރުމުން އަހަރުމެންގެ ހަންގަނޑު އޮމާންކޮށްދީ އެއްވަރުކޮށްދީ ސްކްރަބްގެ ސަބަބުން ހަންގަނޑުގައި ހުންނަ ކުރަކިކަމާއި ހިކިފައި ހުންނަ ހަންތައް ނައްތާލައެވެ.

އެކަމަކު މާ ގިނައިން ސްކްރަބް ކުރުމަކީ ހަންގަނޑުގައި ހުންނަ ރަނގަޅު ސެލްތައް ހަލާކުކޮށް ހަންގަނޑަށް ގެއްލުން ލިބިގެންދާ ކަމެކެވެ. އެހެންކަމުން އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ނުވަތަ ދެދުވަހަކުންވެސް ބޮޑީ ސްކްރަބް ބޭނުންކުރުން ރަނގަޅެއްނޫނެވެ. ބޮޑީ ސްކްރަބް ނުވަތަ އެކްސްފޮލިއޭޓެއް ބޭނުންކުރާ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ ހަމުގެ ވައްތަރަށެވެ. އާންމު ގޮތެއްގައި ގިނަ ޑޮކްޓަރުން ލަފާ ދެއްވަނީ ހަފްތާއަކު ދެފަހަރަށްވުރެ ގިނައިން ސްކްރަބް ނުކުރުމަށެވެ. އެކަމަކު ހަންގަނޑު ސެންސިޓިވް ފަރާތެއްނަމަ ސްކްރަބް ކުރަންވީ އެއްފަހަރެވެ.

ބާޒާރުގައި މިހާރު އެކިވައްތަރުގެ ތަފާތު އެއްޗިހިން ތައްޔާރުކޮށްފައިވާ ބޮޑީ ސްކްރަބް ލިބެންހުރިއިރު، ގަނެގެން ބޭނުންކުރިޔަސް ނުވަތަ އަމިއްލަ އަށް ބޮޑީ ސްކްރަބް ތައްޔާރުކުރިޔަސް މައްސަލައެއްނެތެވެ. މިއީ އަހަރުމެންގެ ހަންގަނޑު އޮމާންކޮށް ވަރުގަދަކޮށްދީ ހަންގަނޑުގައިހުންނަ ޑެޑް ސެލްތައް ނައްތާލާ މުހިންމު އެއްޗެކެވެ. އާންމުކޮށް އެންމެ ގިނައިން ބޭނުންކުރާ ބޮޑީ ސްކްރަބްތަކުގެ ތެރޭގައި ހިމެނެނީ ލޮނު ނުވަތަ ހަކުރުގެ ސްކްރަބްތަކާއި ކޮފީ، ލެވެންޑަރ، ޗާކޯލް ފަދަ ވައްތަރުތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-