-Advertisement-

-Advertisement-

ގަސް ގެންގުޅުން، ތިހީކުރާ ވަރަށްވުރެ މުހިންމު!

ޓްރެފިކްގެ ސަބަބުން ވައި ތަޣައްޔަރުވުމަކީ އަހަރެމެންގެ ސިއްޙަތަށް ނުރަނގަޅު ކަމެއްކަން އަހަރެމެންނަށް އިނގެއެވެ. މިކަމުން ރައްކާތެރިވުމަށް އަހަރެމެން އަމިއްލައަށާއި މުޖްތަމައުގެ ފެންވަރުގައިވެސް ކުރެވެން ހުންނަ ކަންކަން ކުރަމުއެވެ. އެކަމަކު އަހަރުމެން ގިނަ ވަގުތުތަކެއް ހޭދަކުރާ އަހަރުމެންގެ ގެތަކާއި އޮފީސް މާހައުލުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު އަހަރެމެންނަށް ގިނަފަހަރު އަނަދާޒާވެސް ނުކުރެވޭ ކަހަލައެވެ. ވައި ތަޣައްޔަރުވުމަކީ އޭގެ ސަބަބުން އަހަރެމެންނަށް ސިއްޙީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތި ކުރުވަފާނެ ކަމެކެވެ. މިސާލަކަށް ނޭވާހިއްލުމާއި، ރޯގާޖެހުން އަދި އެކްޒީމާ ފަދަ އެކިއެކި ހަމުގެ މައްސަލަތައްވެސް މިކަމުގެ ސަބަބުން ކުރިމަތިވެއެވެ.

އާންމުކޮށް ވައި ތަޢައްޔަރުވާ މާއްދާތަކަށް ބަލާއިރު އެންމެ ނުރައްކާތެރި މާއްދާތައް ގޮތުގައި ހުރީ ވަރަށް އާންމުކޮށް އަހަރެމެން ބޭނުންކުރާ އެއްޗިއްސެވެ. އޭގެތެރޭގައި ހިމެނެނީ އަލިފާން ނިއްވާ ތަކެތި، އެރޮސޯލް ސްޕްރޭ އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ އެއްޗިހީގައި ހުންނަ ވޮލެޓައިލް އޯގަނިކް ކޮމްޕައުންޑްއެވެ. މިފަދަ ތަކެތީގައި ހުންނަ ކެމިކަލްތައް ވައިގެ ތެރޭގައި ހުންނަ އޯޒޯން އާއި އެއްވެ އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ނުރައްކާ ވާފަދަ ކެމިކަލްތައް އުފެދެއެވެ.

މީގެ އިތުރުން ވައި ތަޣައްޔަރުވާ އަނެއް މާއްދާއަކީ އަހަރެމެން އެންމެނަށްވެސް އެނގޭ ކާބަންޑައިއޮކްސައިޑެވެ. ނޭވާލާ ނިޒާމާއި ފުއްޕާމޭ އަދި ހަމުގެ އެކި ބަލިތަކުގެ އިތުރުން މީގެ ސަބަބުން އަހަރެމެންނަށް އެހެން ނޭދެވޭ އަސަރުވެސް ކުރެއެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ނުސާފުވައި އަހަރެމެންގެ ކޮންސެންޓްރޭޝަން އަށާއި ނިންމުންތައް ނިންމުމަށް އަސަރުކުރާ މިންވަރެވެ. ގޭތެރޭގައި ބެހެއްޓޭ ގަހުގެ މުހިންމުކަން ވަޒަންކޮށްލަންޖެހެނީ މި ސަބަބުތަކަށްޓަކައެވެ.

ގޭތެރޭގައި ގަސް ބެހެއްޓުމުން ވައިގެ ފެންވަރަށް އެހީތެރިވާނެކަމުގެ ހުށަހެޅުން އައިސްފައިވަނީ ހީވެސް ނުކުރާ މަސްދަރަކުންނެވެ. 1989 ވަނަ އަހަރު ޖައްވީ އިދާރާ، ނާސާއިން ހުށަހަޅާފައިވާ ގޮތުގައި ގޭތެރޭގައި ބަންދުކުރެވިފައިވާ ކޮޓަރިއެއްގައި ވޮލެޓައިލް އޯގަނިކް ކޮމްޕައުންޑްތަކާއި ކާބަންޑައިއޮކްސައިޑް ހުންނަމިންވަރު ގަސްގަހާގެހި ބޭނުންކޮށްގެން ވަރަށް ބޮޑަށް ދަށްކުރެވިދާނެއެވެ. މިހުށަހެޅުމާއިއެކު މިކަމާއި ގުޅިގެން ކުރެވެމުންދިޔަ ދިރާސާތައް އިތުރުވެ ނާސާގެ ދިރާސާގެ ނަތީޖާއިން ހިތްވަރު ލިބި އެތައް ކާމިޔާބު ދިރާސާތަކެއް ކުރެވުނެވެ. އަދި މި ދިރާސާތަކަށް ބަލައި އެތައް އޮފީސްތަކުން ވަނީ ގަސްމުށި ބަހައްޓައި އެއޮފީސްތަކުގައި ހުރިކަމަށްބެލެވޭ ކެމިކަލް މާއްދާތައް މަދުކުރުމަށް މަސައްކަތް ކޮށްފައެވެ.

ޖިސްމާނީގޮތުން ރަނގަޅު އިހްސާސެއް ކުރުވުމުގެ އިތުރުން ގޭތެރޭގައި ގަސް ހުރުމަކީ ސިކުނޑިއަށްވެސް ރަނގަޅު ކަމެއް ކަމަށް ދިރާސާތަކުން ދަށްކައެވެ. ގަސްގަހާގެހި ހުންނަ ތަންތަނުގައި މާ އަރާމުކޮށް. ފުންކޮށް ނޭވާލެވި، ޤުދުރަތުގެ ހަމަޖެހޭ އަސަރުގެ ފައިދާ އިހްސާސް ކުރެވޭކަން ފާހަގަކުރެވެނީ މިހެންވެގެންނެވެ. މީގެއިތުރން ގަސްގަހުން އަހަރެމެންގެ ދުޅަހެޔޮކަން އިތުރުކޮށްދީ، މޫޑާއި ހަނދާނާއި އުފެއްދުންތެރިކަން އިތުރުކޮށްދެއެވެ.

މިހުރިހާ ގޮތަކުން ގޭތެރޭގައި ބެހެއްޓޭ ގަސްތައް އަހަރުމެންނަށް އެހީތެރިވާކަން ފާހަގަކުރެވިފައިވާއިރު، ގޭތެރޭގައި ބެހެއްޓުމަށް ހޭދޭނެ އެތަށް ގިނަ ވައްތަރެއްގެ ގަސް ހުރެއެވެ. އާންމުކޮށް މިފަދަ އިންޑޯ ޕްލާންޓްސް” ތަކަކީ އެހާ ބޮޑަށް އަޅާލަން ނުޖެހޭ އަދި ވަރަށް އަވަހަށް ހެދޭ ގަސްތަކެވެ. ވީމާ ދިރުއުޅޭ ގެއާއި ދުވާލުގެ ގިނަ ވަގުތު ހޭދަކުރާ އޮފީހެގެ މާހައުލަށް މީގެ ރަޙްމަތްތެރިއެއް ހޯދުން ކިހިނެއްވާނެ ހެއްޔެވެ. އެކަމަކު ހަނދާނުގައި ބަހައްޓާށެވެ. ގަހުން ތިމާއަށް ރައްކާތެރިކަމާއި އެހީތެރިކަން ލިބިގެންދާނީ، ތިބާ ގަހަށް ރައްކާތެރިކަމާއި ހިމާޔަތް ދީގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-